Last Updated: July 6, 03:14
Sunday, July 5, 2026
ޚަބަރު

ޕީއެންސީގެ ޖަލްސާ އަކީ އެންމެ ބޮޑު ސިޔާސީ އެއްވުން

ޕީއެންސީން މިރޭ ބާއްވަނީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ އެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުލްރަަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީއެންސީން އާޓިފިޝަލް ބީޗުގައި މިރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާއިރު، މި ޖަލްސާއަށް ރާއްޖޭގެ އެކި ރަށްތަކުން ގިނަ އަދަދެއްގެ ބަޔަކު މާލެ ގެނެސްފައިވެ އެވެ.

މި ޖަލްސާއާ ގުޅޭގޮތުން ވާހަކަދައްކަމުން އަބްދުލްރަހީމް ވިދާޅުވީ މި ޖަލްސާ ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ސިޔާސީ އެއްވުމަށް ކަމަށާއި ފެނިގެންދަނީ ރައްޔިތުން ސަރުކާރަށް ކުރާ ތާއީދާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ރުހުން އޮތް މިންވަރު ކަމަށެވެ.

"މިކަމުގެ ސަބަބުން މާދަމާގެ ކުރިމަގު، ސިޔާސީ މަސްރަހު މުޅިން އެނބުރިގެންދާތަން ފެންނާނެ،" އަބްދުލްރަހީމް ވިދާޅުވި އެވެ.

އަބްދުލްރަހީމް ވިދާޅުވީ މި ޖަލްސާއިން ވާދަވެރިން ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއްކަން ވަރަށް ބޮޑަށް ސާފުވެ، ރައްޔިތުން ތިބީ ރައީސް މުއިއްޒާއި ސަރުކާރާއެކީކަން ހާމަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށާއި ސަރުކާރުގެ ކަންކަން ހުރިގޮތުން ރައްޔިތުން ތިބީ އުފަލުން ކަމަށްވެސް ވިދާޅުވި އެވެ.

ޕީއެންސީން މާލޭގައި ބޮޑު ޖަލްސާއެއް ބާއްވަނީ މި ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށެވެ.