Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ރައްޔިތުންގެ ހިދުމަތުގައި ފުލުހުން އަބަދުވެސް ތިބޭނީ ތައްޔާރަށް

ރައްޔިތުންގެ ހިދުމަތުގައި ފުލުހުން އަބަދުވެސް ތިބޭނީ ތައްޔާރަށް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރ. އިންނަމާދޫގައި ގާއިމުކުރި ފުލުހުންގެ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިހުސާން ވިދާޅުވީ، ދިވެހި ފުލުހުން 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި ފުރިހަމައަށް މަސައްކަތްކޮށްދޭން ތައްޔާރަށް ތިބޭނެ ކަމަށާއި އަދި ރައްޔިތުންނާއި ރައްޔިތުންނަށް ދިމާވާ ކޮންމެ ނުރައްކަލަކާ ދޭތެރޭގައި ހުރަހަކަށްވެ، އެކަމެއް ނައްތާލުމަށް ދިވެހި ފުލުހުން ހަށިގަނޑާއި ފުރާނައިން ގުރުބާން ވާނެ ކަމަށެވެ.

"އަޅުގަނޑު ތުއްތު ކުދިން ބޮޑުވެގެން އަންނަނީ އަމާން މާހައުލެއްގައި ކަމަށް ކަށަވަރު ކުރުމަށްޓަކައި، ހަމައެއާއެކު އެ ތުއްތު ކުދިންނަކީ މިހާރު މި އޮތް ނުރައްކާތެރި މާހައުލު ޑްރަގްގެ ވަބާާއި ގޭންގް ކުށްތަކާއި އަދި ތުއްތު ކުދިން ކުށުގެ މާހައުލަށް ދަމައިގަންނަ ފަދަ މި މާހައުލުން ސަލާމަތް ވެފައި އޮތް މާހައުލެއް ހޯދައިދިނުމަށް ފުލުހުން ކެނޑިނޭޅި މަސައްކަތް ކުރާނެ ޔަގީންކަންވެސް އަރުވަން،" އިހުސާން ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްވެގެން ކަމަށްވާއިރު މީގެ ތެރޭގައި ގިނައީ ފުލުހުންގެ އަމިއްލަ އިމާރާތެއް ނެތް ރަށްތަށް ކަމަށް އިހްސާން ވިދާޅުވި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު 187 ރަށުގެ ތެރެއިން 121 ރަށުގައި ފުލުހުންގެ ހިދުމަތް ދެމުން އައިސްފައިވާ ކަމަށާއި ނަމަވެސް ފުލުހުންގެ އަމިއްލަ އިމާރާތެއް ގާއިމްކޮށްފައި ހުރީ އެންމެ 17 ރަށުގައި ކަމަށް ވިދާޅުވި އެވެ.

ފުލުހުން ސްޓޭޝަންވެ ތިބެނީ ގިނަ ފަހަރު އަމިއްލަ ރަށުގައި ނޫން ކަމަށްވާތީ ބައެއް ކަހަލަ އިންތިޒާމްތައް ފުލުހުން ގާއިމްވެ ތިބޭ މަރުކަޒުތަކުގައި ހުންނަން ޖެހޭކަން އިހްސާން ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް ފުލުހުންގެ އަމިއްލަ އިމާރާތެއް ނެތް ރަށްތަކުގައި ފުލުހުން ހިދުމަތް ދެމުން ދިޔައީ ވަރަށް ހާލުގައި ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ އިމާރާތްތަކެއް ގާއިމްކުރުމަކީ ވަރަށް ބޮޑު ހަރަދަކާއި ކޮމިޓްމަންޓްއެއް ކަމަށާއި އެގޮތުން ރައީސް އިސްކުރެއްވީ އެންމެ ފުރިހަމައަށް ފުލުހުންގެ ހިދުމަތް ދެވޭނެ ގޮތް ކަމަށް އިހްސާން ވިދާޅުވި އެވެ. އެގޮތުން ދެ އަހަރުތެރޭ 66 ރަށުގައި ފުލުހުންގެ ހިދުމަތް ގާއިމްކުރެވުނީ ފުލުހުންގެ ވަރަށް ވަރުގަދަ ހިތްވަރުން ކަމަށް އިހްސާން ވިދާޅުވި އެވެ.