އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ފްރާންސް ކޮލިފައިވެއްޖެ އެވެ.
ފްރާންސް ވޯލްޑް ކަޕަށް ކޮލިފައިވީ ޔުކްރޭންގެ މައްޗަށް 4-0 ގެ ނަތީޖާއިން ކުރި ހޯދައިގެން ގްރޫޕް ޑީ ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ފްރާންސަށް ވަނީ ފަސް މެޗުން 13 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް އައިސްލޭންޑް އަދި ތިންވަނައިގައި އޮތް ޔުކްރޭނަށް ފަސް މެޗުން ލިބިފައިވަނީ 7 ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ އަޒަރްބެއިޖާން އެވެ. މި ގްރޫޕްގައި ފްރާންސަށް ބާކީ އަދި އެއް މެޗު އެބައޮތެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ 55 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ފްރާންސަށް ލީޑު ނަގައިދިނީ ކިލިއަން އެމްބާޕޭ އެވެ. އަދި މެޗުގެ 76 ވަނަ މިނެޓްގައި މައިކަލް އޮލީސޭ ފްރާންްސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ އެމްބާޕޭ އެވެ. އަދި ފްރާންސްގެ ފަހު ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހޫގޯ އެކިޓީކޭ އެވެ.
މިއީ ފްރާންސް ވޯލްޑް ކަޕަށް ކޮލިފައިވި 17 ވަނަ ފަހަރެވެ. ފްރާންސުން ވަނީ ވޯލްޑް ކަޕް ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕްގައި 48 ޓީމަކުން ވާދަކުރާއިރު، ޖުމްލަ 104 މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މުބާރާތުގެ މެޗުތައް 16 ސިޓީއެއްގައި ކުޅޭނެ އެވެ.
ވޯލްޑް ކަޕް ކުރިއަށްދާނީ ޖޫން 11 އިން ޖުލައި 19 އަށެވެ.