Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ފުުލުހުންނަކީ ހަމައެކަނި ގާނޫނު ތަންފީޒު ކުރާ ބައެއް ނޫން

ފުލުހުންގެ ޒިންމާ އަކީ ހަމައެކަނި ގާނޫނު ތަންފީޒު ކުރުން ނޫން ކަމަށް ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން ވިދާޅުވެއްޖެ އެވެ.

ރ. އިންނަމާދޫ ޕޮލިސް ޕޯސްޓް ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި އޭނަ ވިދާޅުވީ ފުލުހުންގެ ޒިންމާތަކުގެ ތެރޭގައި
މުޖުތަމައާ ގުޅުން ބަދަހިކޮށް ދިވެހި ފުލުހުންގެ ހިދުމަތަކީ ތަހުޒީބުވެފައިވާ މުޖުތަމައަކަށް ހެދުން ހިމެނޭ ކަމަށެވެ. އެގޮތުން ހިދުމަތްކުރުމަށް ތަމްރީންވެ، ތައްޔާރުވެ ފައްކާވަމުންދާ ހިދުމަތެއް.

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންގެ ކިބައިގައި އެބަހުރި ކަމަށް ސީޕީ ވިދާޅުވި އެވެ.

“ފުލުހުންގެ މުއައްސަސާ އަކީ ފުލުހުން އެކަނި ތިބެގެން ހިދުމަތް ކުރެވޭނެ ތަނެއް ނޫން. ފުލުހުންގެ ހިދުމަތަށް އެއްބާރުލުންދޭ ބަޔަކީ ރައްޔިތުން. މިއަދު ފުލުހުންގެ ހިދުމަތް ބައްޓަންވެފައި ވަނީ އަދި މި ހިދުމަތަކީ ރައްޔިތުންނާއި ފުލުހުންނާ ގުޅިގެންދެވޭނެ ހިދުމަތެއްގެ ގޮތުގައި،" ނަވީން ވިދާޅުވި އެވެ. "ފުލުހުންގެ ހިދުމަތް ފުޅާވަމުން އަންނަ އިރު ފުލުހުންނާ ރައްޔިތުންނަކީ ގުޅިލާމެހިފައިވާ ބައެއްގެ ގޮތުގައި ދެކި އިތުރަށް ގުޅުން ބަދަހިކުރަން ޖެހޭ. އެކުވެރިންގެ ހައިސިއްޔަތުން އެކަކު އަނެކަކަށް އިހުތިރާމާއި ތައުރީފުކޮށް އެއްބައިވަންތަކަމާއި ޕްރޮފެޝަނަލިޒަމް އެކުލެވިގެންވާ ކަމެއްގެ ގޮތުގައި މި ހިދުމަތާ މެދު ދެކެން ޖެހޭ.”

އޭނަ ވިދާޅުވީ އެެއް ބަޔަކު އަނެއް ބަޔަކަށް އިތުބާރުކޮށް މި ހިދުމަތުގެ އަގުވަޒަންކޮށް މި ހިދުމަތުގެ އަގު ހިފެހެއްޓުމަށް ހުރިހާ ފުލުހުން އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި އެކަން ދައްކަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ ޓީމުތައް ބިނާވާން ޖެހޭނީ އިތުބާރާ އެކު އެކަކު އަނެކަކަށް އިހުތިރާމުކޮށް، ދިމާވާ ދަތި އުނދަގޫތަކުން އަރައިގަތުމަށް ގާބިލުކަން ހުރި ހިތްވަރު ގަދަ ބަޔަކަށް ކަމަށާއި އިންސާފުވެރިކަމާއި އަމާނާތްތެރިކަމާ އަދި ދެފުށް ފެންނަ ގޮތަށް ހިދުމަތް ދިނުމަކީ ރައްޔިތުންގެ އިތުބާރު ހޯދުމަށް މުހިންމު އަސާސްތަކެއް ކަމަށެވެ.

"ކޮންމެ ދިމާއަކުން ވެސް ރައްޔިތުންނަށް ލިބޭ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށް." ނަވީން ވިދާޅުވި އެވެ.