މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑް (މައިންޑްކޯ) އަށް އަންނަ އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ އިންޓާންޝިޕް ޕްރޮގްރާމަކަށް ހުޅުވާލައިފި އެވެ.
މި ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އުމުރުން 16-25 އަހަރާ ދެމެދުގެ އޯ ލެވެލް ނިންމާފައިވާ ޒުވާނުންނަށެވެ. ބައިވެރިންނަށް ޕްރޮގްރާމް ކުރިއަށް ގެންދާ މުއްދަތުގެ ތެރޭގައި ހާޒިރުވާ ކޮންމެ ދުވަހަކަށް ސްޓައިޕެންޑްގެ ގޮތުގައި 300ރ. ވެސް ލިބޭނެ އެވެ.
މައިންޑްކޯގެ އިންޓާންޝިޕް ޕްރޮގްރާމްގެ ތެރެއިން މައިގަނޑު 8 ދާއިރާއަކުން ތަމްރީނާއި ތަޖުރިބާ ހޯދޭނެ އެވެ. އެގޮތުން ސޮފްޓްވެއާ ޑިވެލޮޕްމަންޓުން ފަސް ފުރުސަތު ހުޅުވާލާފައިވާ އިރު، ސޮލިއުޝަން އިންޖިނިއަރިން އިން ހަތަރު ފުރުސަތު، ޓެސްޓް އިންޖިނިއަރިން އިން ފަސް ފުރުސަތު، އައިސީޓީ އިންފްރާސްޓްރަކްޗާ އިން ދެ ފުރުސަތު، ޕްރޮޖެކްޓް މެނޭޖްމަންޓުން އެއް ފުރުސަތު، ކަސްޓަމާ ސާވިސް އިން އެއް ފުރުސަތު، ބްރޭންޑް އެކްސްޕީރިއަންސް އިން އެއް ފުރުސަތު އަދި އެކައުންޓިން އެންޑް ފައިނޭންސް އިން އެއް ފުރުސަށް ވަނީ ހުޅުވާލައިފަ އެވެ.
މި ދާއިރާތަކުން ތަމްރީނު ވާން ބޭނުންވާ ޒުވާނުންނަށް އިންޓާންޝިޕަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މައިންޑްކޯ އިން ބުނީ ޕްރޮގްރާމް ކުރިއަށް ގެންދާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ މަރުހަލާގެ މުއްދަތަކީ ތިން މަސް ކަމަށެވެ. އޭގެ ފަހުން ބައިވެރިންގެ ޕަފޯމަންސަށް ބަލައި މުއްދަތު އިތުރު 6 މަހަށް އިތުރުކުރާނެ އެވެ.
މައިންޑްކޯ އިން ބުނީ ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ދާއިމީ ވަޒީފާގެ ފުރުސަތު ވެސް އެތަނުން ފަހިވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި މިއީ ޓެކްނޮލޮޖީގެ ދާއިރާއިން އީޖާދީ ވިސްނުންތަކާ އެކު ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
އިންޓާންޝިޕް ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު 3335777 އިން ހޯދޭނެ އެވެ.
މައިންޑްކޯ އަކީ ކުރިން ޓްރޭޑްނެޓްގެ ނަމުގައި ހިންގި ކުންފުންޏެވެ. މައިންޑްކޯ އަށް އޭގެ ނަން ބަދަލުކުރީ މިދިޔަ މަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުންނެވެ.