ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދާ "ހެލްތު އެކްސްޕޯ 2025" އިއްޔެ ފަށައިފި އެވެ.
ހެލްތު މިނިސްޓްރީން އިންތިޒާމުކޮށްހެން ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި މި މަހުގެ 16 އާ ހަމައަށް ކުރިއަށް ގެންދާ އެކްސްޕޯ އިއްޔެ ހުޅުއްވައި ދެއްވީ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދެވެ. ހުޅުވައިދެއްވައިފިއެވެ.
"ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" ގެ ނަމުގައި ކުރިއަށް ގެންދާ އެކްސްޕޯގެ ތެރެއިން ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ޞިއްޙީގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކުރުމާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ހިއްސާ ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެކްސްޕޯގައި މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކުގެ އިތުރުން އަތޮޅުތަކުގެ ފަސް ރީޖަނަލް ހޮސްޕިޓަލަކާއެކު 50 އަށް ވުރެ ގިނަ ސްޓޯލް ބަހައްޓާފައިވެ އެވެ.
މިއެކްސްޕޯގެ ސްޓޯލްތަކުން ޞިއްޙީ ދާއިރާގެ މަސައްކަތްތަކާގުޅޭ މައުލޫމާތުތަކާއި، މި ދާއިރާއިން ތައުލީމް ހާސިލް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުރި ފުރުސަތުތަކާއި، ޑޮކްޓަރަށް ދެއްކުމާއި، ހެލްތު ސްކްރީނިންގއާއި އެކި އެކި ބަލި ބައްޔާ ގުޅޭ މައުލޫމާތުތަކާއި، އިރުޝާދުތައް ދިނުމުގެ އިތުރުން ހެލިފެލިވެ އުޅުމުގެ އެކި ހަރަކާތްތައް ކުރިއަށް ދާނެ އެވެ.
ހަމައެހެންމެ އެކްސްޕޯގެ ތެރެއިން ކުޑަކުދިންނަށް ޚާއްސަ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިހަވީރުގެ ތެރެއިން ކުޑަކުދިންގެ ހެލްތު ޗެކަޕް، މިންހެޔޮ ކާނާއާ ގުޅޭ މައުލޫމާތު، ހެދިބޮޑުވުމާގުޅޭ މައުލޫމާތު، ވެކްސިން އަދި އެހެނިހެން ޞިއްޙީ މައުލޫމާތު، ތަފާތު މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ކުރިއަށް ދާނެ އެވެ. މީގެ އިތުރުން ބިދޭސިންނަށް ޚާއްސަކޮށް ޞިއްހަތާއި ގުޅޭ މުހިއްމު މައުލޫމާތާއި ހެލްތު ސްކްރީނިން އާއި، ޒުވާނުންނަށް ޚާއްސަ ހަރަކާތްތަކެއް ވެސް އެކްސްޕޯގެ ތެރެއިން ކުރިއަށް ގެންދާނެ އެވެ.