Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ރޯދަ މަހު ކަރަންޓު ބިލު 400ރ. އަށް ވުރެ ބޮޑެއް ނުވާނެ

އަންނަ ރަމަޟާން މަހު ޑޮމެސްޓިކް ރޭޓުގައި ކަރަންޓު ބިލަށް ނަގާނީ ގިނަވެގެން 400 ރުފިޔާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ސަރުކާރަށް ދެ އަހަރު ފުރުމުގެ ގޮތުން އާޓިފިޝަލް ބީޗްގައި ބޭއްވި ބޮޑު އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ ރަމަޟާން މަހަކުވެސް ސަރުކާރުން ރައްޔިތުންނަށް ހަދިޔާ ދިނުން، ނުވަތަ ކަންތައްތަކެއް ފަހިކޮށްދެއްވާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ރައްޔިތުންނަށް މަސްދަޅުކޭސް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރަށް، ރޯދަ މަހަށް ހާއްސަ އިނާޔަތެއްގެ ގޮތުން، ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް، މި އަންނަ ރަމަޟާން މަހު ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާކަމަށް ރައީސް އިއުލާން ކުރެއްވި އެވެ.

މިއީ ރައްޔިތުންގެ ކަރަންޓް ބިލަށް އަންނާނެ ބޮޑު ލުޔެއް ކަމަށާއި އަދި ބިލްގެ ބާކީ ބައި ސަރުކާރުން ޑިސްކައުންޓް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ރަމަޟާން މަހު ވެސް ސަރުކާރުން ވަނީ ރޯދަ ހަދިޔާއެއްގެ ގޮތުން ރައްޔިތުންނަށް މަސްދަޅު ކޭސް ބަހާފަ އެވެ. އަދި ކަރަންޓު ބިލުން ޑިސްކައުންޓު ދީފައި ވެއެވެ.