Last Updated: July 6, 03:26
Sunday, July 5, 2026
ޚަބަރު

ތަރައްގީ އަށް ހުރަސްއެޅޭ ގޮތަށް ކައުންސިލަރުން ނުހޮވާތި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ތަރައްގީއަށް ހުރަސްއެޅޭ ގޮތަށް ކައުންސިލަރުން ނުހޮވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ޕީއެންސީ ސަރުކާރަށް ދެ އަހަރު ފުރުމުގެ ގޮތުން އާޓިފިޝަލް ބީޗްގައި ބޭއްވި ބޮޑު އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ވަގުތު ރާއްޖޭގައި 1،875 މަޝްރޫއު ހިނގަމުންދާ ކަމަށާއި މީގެ ތެރޭގައި މި ސަރުކާރުން ސޮއި ކުރި 1،356 މަޝްރޫއު އެބަ އޮތް ކަމަށެވެ.

މި މަސައްކަތްތައް ކުރުމުގައި ސަރުކާރަށް ރައްޔިތުން މިހާރުވެސް ދެމުންދާ ގޮތަށް އެއްބާރުލުން ދިނުމަށާއި އެގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ، މި ހުރިހާ މުހިންމު މަސައްކަތްތަކަށް އެޅިގެންދާ މުހިންމު ހުރަހަކަށްވުމުގެ ފުރުސަތު އެއްވެސް ރައްޔިތަކު ނުދެއްވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

"އަޅުގަނޑުމެންނަށް ފުރިހަމައަށް އެއްބާރުލުން ދޭނެ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށްދޭނެ ރައްޔިތުންނަށްޓަކައި މި ފެށިފައި ހުރި މަޝްރޫއޫތަކާއި ފަށަން ތައްޔާރުވެފައި ހުރި މަޝްރޫއޫތައް ތަންފީޒު ކުރުމުގައި ސަރުކާރަށް އެއްބާރުލުން ދޭނެ ކައުންސިލެއް ހޮވުމަކީ، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން ނިންމަވާނެ ގޮތް. އެއީ އަޅުގަނޑު އެދޭ ގޮތް. އަޅުގަނޑު ކުރާ އިލްތިމާސް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ކައުންސިލަރުންނާއި، ކައުންސިލްތަކުގެ ރައީސުން އަދި ސިޓީ ކައުންސިލަރުންނާއި ސިޓީތަކުގެ މޭޔަރުންގެ މަގާމަށް ހޮވާ މީހުންނަކީ އެމަނިކުފާނު ވަޑައިގަންނަވާ ސްޕީޑުގައި، ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމުގައި އަދި ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގަ ފުރިހަމައަށް އެއްބާރުލުން، ހިތާއި ރޫހުން ދޭނެ ފަދަ ބަޔަކަށް ހަދައިދިނުމަށް ވެސް އިލްތިމާސްކުރައްވާފަ އެވެ.