Last Updated: July 6, 03:17
Sunday, July 5, 2026
ޚަބަރު

ރައީސް، އިދިކޮޅަށް: 24 ގަޑިއިރު އެއްވެ ތިބޭ، ޖަލަކަށް ނުލާނަން

އިދިކޮޅު ފަރާތްތަކުން 24 ގަޑިއިރުވެސް އެއްވާންވީ ކަމަށާއި ނަމަވެސް ސިޔާސީ ގޮތުން އެއްވެސް މީހަކު ޖަލަށް ނުލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ސަރުކާރަށް ދެ އަހަރު ފުރުމުގެ ގޮތުން އާޓިފިޝަލް ބީޗްގައި ބޭއްވި ބޮޑު އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީގެކުރިން ހުއްދަނެތި އެއްވެވޭނީ ކާނިވާ ސަރަހައްދަށް ކަމަށާއި ނަމަވެސް ހުއްދަ ނުނަގައި އެއްވެވޭނެ އިތުރު ތަންތަން މި ސަރުކާރުން އިތުރުކޮށްދީފައިވާނެ ކަމަށެވެ.

"އެއްވާތަނެއް ނުފެނޭ، ހަމަ އެއްވާންވީ ނޫންތޯ. ކޮންމެ ރެއަކުވެސް އެއްވާންވީ. ކާކުތޯ ހުއްޓުވަނީ އެއްވާން. ހަމަ އެއްވާންވީނުންތޯ. އެ މިނިވަންކަން ނެތްކަމަށް ދައްކަން މިއުޅޭ ސަބަބުވެސް އަޅުގަނޑަކަށް ނުވިސްނޭ އެއްގޮތަކަށްވެސް،" ރައީސް ވިދާޅުވި އެވެ.

"ހަމަ ކޮންމެ ރެއަކުވެސް، ރެއެއްނޫން ދުވާލުވެސް 24 ގަޑިއިރުވެސް ހަމަ އެއްވެގެން ތިބެންވީއޭ. ހަމަ ހިޔާލުވެސް ފާޅުކުރަންވީ ބޭނުން ވަރަކަށް އިސްލާމްދީނުގެ ހުދޫދުގެ ތެރެއިން. މީހަކު އަޅައިވެސް ނުލާނެ، ކަންބޮޑެއްވެސް ނުވާނެ، ޖަލަަކަށްވެސް ނުލާނެ"

ރައީސް ވަނީ މީގެކުރީގެ ސަރުކާރުތަކުން ސިޔާސީ ވެރިންނަށް ހެދި ޖަލު ގޮޅިތައް މިހާރު ހުރީ ހުސްކޮށް ކަމަށާއި އެތަނަށް ލާނެ މީހަކުވެސް މިހާރު ނެތް ކަމަށް ވިދާޅުވެފަ އެވެ. މި ސަރުކާރުން ސިޔާސީ ގޮތުން އެއްވެސް ބަދަލެއް ނުހިފާނެ ކަމަށާއި ރާއްޖޭގައި ހަގީގީ މާނައިގައި ހަމަޖެހުން ގާއިމުކުރުމަށް ސިޔާސީ ގޮތުން މީހުން ހައްޔަރުކުރުން ހުއްޓާލަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.