Last Updated: July 6, 03:14
Sunday, July 5, 2026
ޚަބަރު

ސަރުކާރަށް ދެ އަހަރުވީއިރު ކުރެވުނު ކަމަކީ ފޮނި ކެނޑުން

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް -- ފޮޓޯ/ އެމްޑީޕީ

މި ސަރުކާރަށް ދެ އަހަރުވީއިރު ކުރެވުނު ކަމަކީ ފޮނި ކެނޑުން ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ ސަރުކާރަށް ދެ އަހަރުވީއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ކުރެވުނުހާ ވެސް ކަމަކީ ރަށްތަކަށް އަރައި ސަޅި ކެނޑުމާއި ފޮނި ކެނޑުން ކަމަށެވެ. އަދި އެއްވެސް ކަމެއް ރައްޔިތަކަށް ނުކޮށްދީ 110 ބިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ މި ދެ އަހަރުތެރޭ ތަޅާ ބުރުވާލާފައިވާ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް މިހެން ވިދާޅުވެފައިމިވަނީ ޕީއެންސީ ސަރުކާރަށް ދެ އަހަރު ފުރުމުގެ ގޮތުން އާޓިފިޝަލް ބީޗުގައި ބޮޑު އެއްވުމެއް ރޭ ބާއްވާފައިވާ ދަނޑިވަޅެއްގަ އެވެ. މި އެއްވުމަށް ބޮޑު ހަރަދުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ގެނެސްފައިވެ އެވެ.

މި އެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވަނީ މި ވަގުތު ރާއްޖޭގައި 1،875 މަޝްރޫއު ހިނގަމުންދާ ކަމަށާއި މީގެ ތެރޭގައި މި ސަރުކާރުން ސޮއި ކުރި 1،356 މަޝްރޫއު އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ.

މި މަސައްކަތްތައް ކުރުމުގައި ސަރުކާރަށް ރައްޔިތުން މިހާރުވެސް ދެމުންދާ ގޮތަށް އެއްބާރުލުން ދިނުމަށާއި އެގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ، މި ހުރިހާ މުހިންމު މަސައްކަތްތަކަށް އެޅިގެންދާ މުހިންމު ހުރަހަކަށްވުމުގެ ފުރުސަތު އެއްވެސް ރައްޔިތަކު ނުދެއްވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.