Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

12 ކިލޯގެ ޑްރަގާ އެކު 16 މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހުވަދު އަތޮޅުން 16 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި، ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސާއި ސައުތު ޕޮލިސް ގުޅިގެން މި މަހުގެ 2-13 އަށް ގއ. އަދި ގދ. އަތޮޅުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކުރި 16 މީހުންގެ ތެރޭގައި ހިމެނެނީ ގއ. މާމެންދޫން ހައްޔަރުކުރި 7 ފިރިހެނުންނާއި، އަންހެނަކާއި، ގދ. ވާދޫއިން ހައްޔަރުކުރި 5 ފިރިހެނުންގެ އިތުރުން މާލެއިން ހައްޔަރުކުރި 3 ފިރިހެނުންނެވެ. ކަމަށް ފުލުހުން ވިދާޅުވެއެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ، 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި، 24 އަހަރުގެ އަންހެނެކެވެ.

ފުލުހުން ބުނީ އޮޕަރޭޝަންގައި 18 ގެއަކާއި، ގެސްޓްހައުސްއަކާއި، އޮފީހަކާއި، ފަޅު ރަށަކާއި، ދެ ހުސްބިން ބަލައި ފާސްކުރުމުގެ އިތުރުން ދެ ކާރާއި، ފަސް ސައިކަލް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 12 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 11 މީހަކު ކޯޓަށް ހާޒިރު ކުރުމުން، ތިން މީހަކަށް 30 ދުވަސް، ހަ މީހަކަށް 15 ދުވަސް، އެކަކަށް 18 ދުވަސް އަދި އެކަކަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ޖަހާފައިވެ އެވެ.

ޑްރަގާ އެކި ހުވަދު އަތޮޅުން ބަޔަކު ހައްޔަރުކުރި އިރު މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ފެށި "އޮޕަރޭޝަން އަލިމަގު" ގެ ތެރެއިން 100 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ ކޮންކޮން ތަންތާކުން ހައްޔަކުރި މީހުން ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.