Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

ޝާހްރުކްގެ ނަމުގައި ދުބާއީގައި އޮފީސް ޓަވަރެއް

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، ޝާހްރުކްގެ ޚާންގެ ނަމުގައި ދުބާއީގެ ރިއަލް އެސްޓޭޓް ކުންފުނި ޑެނޫބް ޕްރޮޕަޓީސް އިން އޮފީސް އިމާރާތެއްގެ ގޮތުގައި ޓަވަރެއް ބިނާކުރަން ނިންމައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

މިކަން އިއުލާން ކުރުން އޮތީ މުމްބާއީގައި ރޭ ބޭއްވި ކުލަގަދަ ހަފުލާއެެއްގަ އެވެ. އެ ހަފުލާގައި ޝާހްރުކާއި ޑެނޫބްގެ ވެރިން ބައިވެރިވި އެވެ "ޝާހްރުކްސް ބައި ޑެނޫބް" ގެ ނަން ދީފައިވާ މި ޓަވަރުގައި ޝާހްރުކް ސިގްނޭޗާ ސްޓެޕެއް ކަމަށްވާ އޭނަގެ ދެ އަތް ފަތުރައިލާ މަންޒަރު ދައްކުވައިދޭ ގޮތަށް ސްޓެޗޫއެއް ވެސް ބަހައްޓަން ހަމަޖެހިފައިވެ އެވެ.

ޑެނޫބް ޕްރޮޕަޓީސްގެ މެނޭޖިން ޑިރެކްޓަރު އަދީލް ސަޖަން ވިދާޅުވީ "ޝާހްރުކްސް ބައި ޑެނޫބް" އަކީ 55 ބުރީގެ އޮފީސް ޓަވަރެއް ކަމަށެވެ. އަދި މިތަން ހަދަން ނިންމާފައި ވަނީ އަންނަ އަހަރު ދުބާއީ އަށް ރަސްމީކޮށް ތައާރަފު ކުރަން ނިންމާފައިވާ އެއާ ޓެކްސީތަކަށް ވެސް ލޭންޑް ކުރެވޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.

ޝާހްރުކް ބުނީ އޭނަގެ ނަމުގައި ޓަވަތެއް ހަދަން ޑެނޫބް އިން ނިންމުމަކީ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. އަދި އޭނަގެ މަންމަ މި ވަގުތު ދުނިޔޭގައި ހުރި ނަމަ މިކަމާ ވަރަށް އުފާކުރީސް ކަމަށް ބުންޏެވެ.

ޝާހްރުކް ބުނީ ކުރިއަށް އޮތް ތަނުގައި އޭނަ ދަރިން ގޮވައިގެން ދުބާއީ އަށް ދަތުކުރާ އިރު، ލިބޭނެ އެންމެ ބޮޑު އުފަލަކީ "މިހިރީ ބައްޕަގެ ޓަވަރޭ" ކިޔާފައި ދައްކައިލާނެ ތަނެއް ހުރުން ކަމަށެވެ.