ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ރޭ މާލޭގައި ބޭއްވި ޖަލްސާގައި 13،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗްގައި "ދިވެހިންގެ ރާއްޖެ" ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މިއީ ތާރީހީ އެއްވުމެއް ކަމަށެވެވެ.
"މި ބައްދަލުވުމަކީ އަޅުގަނޑު ބަލައިލިއިރުގައި ރާއްޖޭގެ ސިޔާސީ ހަޔާތުގަ ބޭއްވޭ އެންމެ މީހުން ގިނަ ބައްދަލުވުން،" ރައީސް ވިދާޅުވި އެވެ. "މި ވަގުތު ވެސް މިތަނުގައި 13،000 އަށްވުރެ ގިނަ ރައްޔިތުން އެބަތިބިކަމުގެ ޔަގީންކަން އަޅުގަނޑު މި އަރުވަނީ."

ޕީއެންސީގެ ރޭގެ ޖަލްސާ އަށް ބޯތައް ގިނަކުރަން ރާއްޖޭގެ އެކި ހިސާބުތަކުން މީހުން މާލެ ގެންގޮސްފައިވެ އެވެ. އެގޮތުން ކަނޑުމަގުންނާއި ވައިގެ މަގުން މީހުން އުފުލާފައިވެ އެވެ. މި ޖަލްސާގައި ބައިވެރިވި ގިނަ މީހުންނަކީ ސަަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މީހުންނާއި އެފަދަ މީހުންގެ އާއިލާތަކުގެ މީހުންކަން ފާހަގަކޮށްލެވެ އެވެ.
މާލެ އަށް ގިނަ އަދަދެއްގެ ބަޔަކު އެއްކޮށްގެން ރައީސް ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއް ޕީއެންސީން ބާއްވާފައި މި ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވަން ވެވަޑައިގެންނެވި ވައުދު މިދިޔަ މަހުގެ ފަހުކޮޅު ފުއްދަވާފައި ވަނިކޮށެވެ.