Last Updated: June 5, 06:06
Friday, June 5, 2026
ރިޕޯޓް

އައްޑޫގެ ތަރައްޤީ: ޑިމޮކްރަސީގައި ލިބުނު ކުރިއެރުން

ދިވެހި ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފުވުމާއެކު، 2008 އިން ފެށިގެން މި ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ކޮންމެ ރައީސަކަށް ވެސް-ރައީސް މުޙައްމަދު ނަޝީދު (އަންނި)، ރައީސް ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް (ޔާމީން)، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ)، އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު (ޑރ. މުޢިއްޒު)–އައްޑޫ ތަރައްޤީ ކުރުން ވެގެންދިޔައީ އެބޭފުޅުންގެ އެޖެންޑާގެ މުހިންމު ބައެއްގެ ގޮތުގައެވެ.

މިއީ އައްޑޫގެ ޖިއޮގްރަފީ، އާބާދީގެ ބޮޑުކަން އަދި އިޤްތިޞާދީ ގޮތުން އެސިޓީއަށް ލިބިފައިވާ ޤުދުރަތީ ފުރުޞަތުތަކަށް ސަރުކާރުތަކުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ. އެހެންކަމުން، ވަކިވަކި ރައީސުން އައްޑޫ ސިޓީގެ ތަރައްޤީއަށް ކޮށްދެއްވި ނުވަތަ ހިންގެވި މަޝްރޫޢުތަކަށް ތަފްޞީލީގޮތަކަށް ބަލައިލުމަކީ މުހިންމު ކަމެކެވެ.

ރައީސް މުޙައްމަދު ނަޝީދު (އަންނި) ގެ ވެރިކަން (2008–2012)

ދެހާސް އަށްވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުޙައްމަދު ނަޝީދު، އައްޑޫގެ ތާރީޚަށް ގެނެސްދެއްވި އެންމެ ބޮޑު އިންޤިލާބަކީ 2011 ވަނަ އަހަރު ދެކުނު އޭޝިޔާގެ ވެރިންގެ ސަމިޓް (ސާކް ސަމިޓް) އައްޑޫގައި ބޭއްވެވުމެވެ.

އެ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން އައްޑޫގެ އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް އެމަނިކުފާނުގެ ވެރިކަމުގައި 800 މިލިއަން ރުފިޔާ ޚަރަދުކުރެވުނެވެ. މި މަސައްކަތްތަކުގެ ތެރޭގައި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވީއައިޕީ ޓާމިނަލެއް ބިނާކުރައްވައި، ގަމުގެ އެއަރޕޯޓުގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވިއެވެ.

ފޭދޫން ފެށިގެން މަރަދޫގެ ކޮޅަށް ގުޅިފައިވާ ބޮޑު މަގު ތާރު އަޅުއްވައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވިއިރު، ހިތަދޫގެ ބޮޑެތި މަގުތަކުގައި ތާރު އަޅުއްވައިގެން ރަނގަޅު ފެންވަރެއްގެ މަގުތަކަކަށް ބަދަލުކުރެއްވިއެވެ.

ސާކް ސަމިޓް ބޭއްވުމަށްޓަކައި ހިތަދޫ މާމެންދޫ ސަރަހައްދުގައި މުޅި ސައުތު އީސްޓް އޭޝިޔާގައި އެވަގުތު ހުރި އެންމެ ހިތްގައިމު ކޮންވެންޝަން ސެންޓަރު ބިނާކުރެވުނެވެ. ކޮންވެންޝަން ސެންޓަރުގެ ވަށައިގެންވާ ޖަންގަލީ ބޮޑު ސަރަހައްދު ސާފުކުރައްވައި، ދަތުރުފަތުރު ފަސޭހަކުރުމަށްޓަކައި ޒަމާނީ ފެންވަރުގެ ތާރު މަގުތަކެއް ހައްދަވައި އެ މަގުތައް އައްޑޫގެ މަގުގެ ވިއުގައާ ގުޅުއްވިއެވެ. މިކަމުގެ ސަބަބުން ކުރިން އެއްވެސް މީހަކަށް ހީކުރެވިފައިނުވާ ފެންވަރުގެ އާބަން ސިޓީއަކަށް އެ ސަރަހައްދު ބަދަލުވެގެންދިޔައެވެ. މިއަދު އެ ސަރަހައްދަކީ މުޅި އައްޑޫ ސިޓީގެ އެންމެ ރީތި، އެންމެ ތަރައްޤީވެފައިވާ ސަރަހައްދުގެ ގޮތުގައި ދަނީ ބަދަލުވަމުންނެވެ.
އޭގެ އިތުރުން މުޅި އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ސާފުފެން ފޯރުކޮށްދިނުމުގެ މަޝްރޫޢެއް ފައްޓަވައި، އެކަމަށް ހިތަދޫގައި މަރުކަޒެއް ޤާއިމުކުރައްވައި، ތާޒާ ފެނުގެ ނެޓްވޯކަކުން ގުޅިފައިވާ ރަށްތަކަށް ސާފު ފެން ދޫކުރަން ފެއްޓެވިއެވެ. ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ރައްޔިތުންނަށް ހިތަދޫގެ މާމެންދޫއާއި ހުޅުދޫގައި ފްލެޓްތަކެއް ބިނާކުރައްވައި، ބޭނުންވާ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދެއްވިއެވެ. މީގެ އިތުރުންވެސް ފޭދޫގައި 50 އެޕާޓުމެންޓުގެ ރޯހައުސް ބިނާކުރައްވައި، ފޭދޫގެ ބޯހިޔާވަހިކަން ބޭނުންވާ ގިނަ އާއިލާތަކަކަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވިއެވެ.

ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، އައްޑޫ ދަތުރުފަތުރުގެ ނެޓްވޯކަކުން ގުޅުވައި، ގުޅިފައިވާ ރަށްތަކުގައި ލިންކު ބަސް ދަތުރު ތަޢާރަފުކުރެއްވިއެވެ. އަދި މީދޫއާއި ހުޅުދޫ ކަނެކްޓިވިޓީއަށް ފެރީ ތަޢާރަފުކުރެއްވިއެވެ. މީގެ އިތުރުންވެސް ހިތަދޫ، ހުޅުދޫ، މީދޫ، މަރަދޫ، މަރަދޫފޭދޫގައި ތަރައްޤީގެ އެތައް މަސައްކަތްތަކެއް ފައްޓަވައިދެއްވިއެވެ. ވެރިކަމަށް ތިން އަހަރު ވީތަނާ އެމަނިކުފާނުގެ ވެރިކަން ބަޣާވާތަކުން ވައްޓާލެވުނު ނަމަވެސް، އެމަނިކުފާނުގެ ކުރު ވެރިކަމުގައި އައްޑޫ އެއް ސިޓީއަކަށް ހައްދަވައި، އައްޑޫ ސިޓީ ވެގެންދިޔައީ ތަރައްޤީވަމުންދާ ފާގަތި ސިޓީއަކަށެވެ.

ރައީސް ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް (ޔާމީން) ގެ ވެރިކަން (2013–2018)

ރައީސް ޔާމީންގެ ވެރިކަމުގައި އިޤްތިޞާދީ ގޮތުން މާ ގިނަ މަސައްކަތްތަކެއް އައްޑޫ ސިޓީގައި ނުކުރެވުނުކަމަށް ފާހަގަކުރެވެއެވެ. ނަމަވެސް، ބައެއް މުހިންމު މަޝްރޫޢުތައް އެމަނިކުފާނު ވެސް ހިންގަވާފައިވެއެވެ. އެގޮތުން، ފޭދޫއާއި ހުޅުދޫގެ ބިން ހިއްކުން ފާހަގަކުރެވެއެވެ. ފޭދޫގައި ޒަމާނީ ފެންވަރުގެ ސްޓޯމް ވޯޓަރ ޑްރެއިނޭޖް ސިސްޓަމެއް ބިނާކުރެވުނުއިރު، ފޭދޫއާއި ހުޅުދޫގައި ނަރުދަމާ ނެޓްވޯކެއް ޤާއިމު ކުރެވުނެވެ. ރައީސް ޔާމީންގެ ސަރުކާރުން ހިންގެވި އެންމެ ބޮޑު މަޝްރޫޢުތަކުގެ ތެރޭގައި އައްޑޫ ކޮންވެންޝަން ސެންޓަރު ޒަމާނީ ހޮސްޕިޓަލަކަށް ބަދަލުކުރެއްވުން ފާހަގަކުރެވެއެވެ.

މީގެ އިތުރުން، ރައީސް ނަޝީދުގެ ސަރުކާރުގައި ރާއްޖޭގެ ރަށްތައް ލާމަރުކަޒީ އުސޫލުން ހިންގެވުމަށް ފެއްޓެވި މަސައްކަތް ހުއްޓުވައި، އައްޑޫ ސިޓީ ކައުންސިލް ހައުސިން މިނިސްޓްރީގެ ދަށަށް ގެންދެވުނެވެ. ރައްޔިތުން ހޮވި ސިޓީ ކައުންސިލަރުންގެ ބާރު ނަންގަވައި، ސިޓީގެ ކަންކަން ހިންގެވީ އެމަނިކުފާނު އައްޔަންކުރެއްވި ސިޔާސީ ބޭފުޅުންގެ ބެއްލެވުމުގެ ދަށުންނެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ) ގެ ވެރިކަން (2018–2023)

ރައީސް ޞާލިޙްގެ ވެރިކަމުގެ ކުރީކޮޅު ދުނިޔެއަށް ކޮވިޑް-19 ގެ ޢާލަމީ ވަބާާ ކުރިމަތިވުމާއެކު، ރާާއްޖެ ދިގު މުއްދަތަކަށް ލޮކްޑައުން ކުރަންޖެހުނެވެ. އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު އެއްކޮށް ހުއްޓުނެވެ. ނަމަވެސް، ރައީސް ޞާލިޙްގެ
ވެރިކަމުގެ ފަހުގެ ތިން އަހަރު، އައްޑޫގެ ތަރައްޤީއަށް ބޮޑެތި މެގާ ޕްރޮޖެކްޓުތަކެއް ފެއްޓެވިއެވެ.

އިންޑިޔާގެ އެގްޒިމް ބޭންކުގެ 3.7 ބިލިއަން ރުފިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، އައްޑޫ ސިޓީގެ ހުރިހާ ރަށްތަކެއްގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ބޮޑު ޕްރޮޖެކްޓެއް ފެއްޓެވިއެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ މަގުތަކެއްގައި ސްޓޯމް ވޯޓަރ ޑްރެއިނޭޖް ނެޓްވޯކަކާއިއެކު ތާރުއެޅުނެވެ. އައްޑޫ ސިޓީގެ މަރަދޫއާއި މީދޫ އަވަށުގައި އެންމެ ޒަމާނީ ފެންވަރުގެ ބޮޑު ބިޔަ ދެ ބަނދަރު ހެދުނެވެ.

ބިން ހިއްކައިގެން މަރަދޫފޭދޫ، މަރަދޫ، ހުޅުމީދޫ އަދި ހިތަދޫ އަށް 194.3 ހެކްޓަރ ބިން އިތުރުކުރެވުނެވެ. ދުވަހަކަށް ވުރެ ދުވަހެއް ގޯސްވަމުންދިޔަ އައްޑޫގެ ކަރަންޓު މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދެވުމުގެ ގޮތުން، 35 މެގަވޮޓުގެ އިންޖީނުގެއެއްގެ މަސައްކަތް ފެއްޓެވުމަށްފަހު، ވެރިކަން ނިމުނުއިރު އޭގެ 85 އިންސައްތަ މަސައްކަތް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން، އައްޑޫގެ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ޙައްލެއް ހޯއްދެވުމަށާއި، 2030 ވަނަ އަހަރަށް ޓާގެޓްކުރެވިފައިވާ ސުމެއް އިންސައްތަ ކާބަން ޑައިއޮކްސައިޑް ބޭރުކުރުން ހުއްޓުވުމުގެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ދެކުނު ކޮރެއާގެ ކުންފުންޏަކާ ގުޅިގެން ކުނި އަންދައިގެން 3 މެގަވޮޓުގެ ކަރަންޓު އުފައްދާ ކާރުޚާނާއެއް ހިތަދޫ އާރޭފް ސަރަހައްދުގައި ޤާއިމުކުރެވުނެވެ. އައްޑޫގެ ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި، އައްޑޫގެ ހުރިހާ ރަށެއްގައި ވަކި ޓޫރިޒަމް ޒޯންތަކެއް ހައްދަވައި، މި ސަރަހައްދުތަކުގައި 8000 ޓޫރިސްޓު އެނދު ތައްޔާރުކުރުމަށްޓަކައި ބޮޑު ޕްރޮޖެކްޓެއް ފައްޓަވައިދެއްވިއެވެ.

އޭގެ ދަށުން މި ޒޯންތަކުގެ ބިންތަކަކީ ޓޫރިޒަމަށް ދޫކުރެވޭ މުޅި ރާއްޖޭގެވެސް އެންމެ ބިމުކުލި ކުޑަ ބިންތައް ކަމުގައި ހަމަޖެއްސެވިއެވެ.

އައްޑޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރާއި، އެ ރަށުގެ މަގުތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި 340 މިލިއަން ރުފިޔާގެ އަގުބޮޑު ޕްރޮޖެކްޓެއް ފެއްޓެވިއެވެ. އަދި ފޭދޫ-މަރަދޫ ކޮނެކްޓިވިޓީ ބޮޑު މަގު އެއްކޮށް އަލުން ހެއްދެވިއެވެ.
ހަންކެޑައިގައި ޓޫރިޒަމްގެ ސިނާޢަތު ބިނާކުރުމަށް ޗައިނާގެ ކުންފުންޏަކަށް ކުއްޔަށް ދެއްވިއެވެ. އައްޑޫއަކީ ރާއްޖޭގެ އެހެން އަތޮޅުތަކާ އެއްގޮތަށް ޤުދުރަތީ ރީތި ރަށްތަކެއް ހުންނަ އަތޮޅެއް ނޫންކަމުން، ޓޫރިޒަމް ސިނާޢަތު ޤާއިމުކުރުމަށް އައްޑޫ އަތޮޅުގައި ފަޅު ހިއްކައިގެން 3 ރަށް އުފެއްދެވިއެވެ.

ހިތަދޫ-މަރަދޫ ކަނެކްޓިވިޓީ ބްރިޖް ބިނާކުރެއްވިއެވެ. ޖުމްލަކޮށް ބުނާނަމަ، ރައީސް ޞާލިޙްގެ ވެރިކަން ވެގެންދިޔައީ މުޅި ދިވެހި ތާރީޚުގައިވެސް އައްޑޫގެ ތަރައްޤީއަށް އެންމެ ބޮޑެތި އަދި އަގުގެ ގޮތުން ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރައްވައިގެން ބޮޑެތި މަޝްރޫޢުތައް ހިންގެވި ސަރުކާރަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު (ޑރ. މުޢިއްޒު) ގެ ވެރިކަން (2023-މިހާރު)

ޑރ. މުޢިއްޒުގެ ވެރިކަމަށް ދެ އަހަރު ވަނީ އެވެ. ނަމަވެސް، އެމަނިކުފާނުގެ ޒަޢާމަތުގައި މާނަވީގޮތެއްގައި އައްޑޫގައި އަދި އެއްވެސް ޕްރޮޖެކްޓެއް ނުހިންގަވަ އެވެ. ރިޔާސީ ކެމްޕޭންގައި އެމަނިކުފާނު ވަނީ ހުޅުމީދޫ-ހިތަދޫ ކަނެކްޓިވިޓީ ބްރިޖެއް އަޅުއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. އެހެން ނަމަވެސް އަދި މި ބްރިޖްގެ މަސައްކަތް ހިނގާ ތަނެއް ނުފެނެއެވެ.
އައްޑޫ އެއް ސިޓީގެ ގޮތުގައި ހިންގާތާ 15 އަހަރުފަހުން، އައްޑޫ ސިޓީ ރޫޅައިލުމަށްޓަކައި އެމަނިކުފާނުގެ ރިޔާސީ ގަރާރެއްގެ ދަށުން ދާދިފަހުން ނެގުނު ފެންނަ ނުފެންނަ ވޯޓެއްގައި ހުޅުދު އާއި މީދޫ މިހާރު ވަނީ އައްޑޫ ސިޓީއިން ވަކިވެ، މުސްތަޤިއްލު ކައުންސިލްތަކެއް އުފެއްދުމުގެ މަގުމަތީގައެވެ.

މި ރެފެރެންޑަަމްގައި ފޭދޫ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ސިޓީއިން ވަކިނުވެ، ސިޓީގައި ގާއިމުވެ ތިބުމަށް ފެންނަކަ މަށް ވަނީ ވޯޓު ދީފަ އެވެ.

އައްޑޫގެ ތަރައްޤީއަށް ބަލާއިރު، ޑިމޮކްރަސީގެ ފެށުމަށްފަހު އައި ކޮންމެ ސަރުކާރަކުންވެސް ވަނީ އެ ސިޓީގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އިންފްރާސްޓްރަކްޗަރގެ ބޮޑު އިންޤިލާބެއް އައިސް، އައްޑޫ ސިޓީގެ ތަރައްޤީގެ ބިންގާ އެޅުނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ބިން ހިއްކުމާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ފުޅާކުރެވުނެވެ. އަދި ރައީސް ޞާލިޙްގެ ވެރިކަމުގައި މަގު ހެދުމާއި ބަނދަރު ހެދުމާއި ބިންހިއްކުން ފަދަ ބޮޑެތި މެގާ ޕްރޮޖެކްޓުތައް ހިންގައި، އައްޑޫގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. މިހާރުގެ ސަރުކާރުން އަދި މާނަވީ ތަރައްޤީގެ މަޝްރޫޢުތައް ފަށާފައި ނުވާ ނަމަވެސް، އައްޑޫ ރައްޔިތުން ތިބީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ޑރ. މުޢިއްޒު ކުރެއްވި ވަޢުދުތަކުގެ އުންމީދުގަ އެވެ.

މި ހުރިހާ ސަރުކާރުތަކުގެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އައްޑޫ ސިޓީ ވެގެން ގޮސްފައި ވަނީ ދިވެހި ރާއްޖޭގެ ދެވަނަ އާބަން ހަބަކަށްވުމަށް، ފާގަތި މުސްތަޤްބަލަކަށް މިސްރާބު ޖަހާފައިވާ ސިޓީއަކަށެވެ.

ނޯޓް: މިއީ އަބްދުﷲ ރަޝީދު (މޫނިމާ) ގެ ލިޔުމެކެވެ.