Last Updated: July 6, 03:26
Monday, July 6, 2026
ޚަބަރު

އެނބުރި މިދިޔައީ ކުރީގެ ސިޔާސީ ފިކުރަށް: މަހުލޫފް

އިދިކޮޅު އެމްޑީޕީން ވަކިވެ އެނބުރި މިދިޔައީ ކުރީގެ ފިކުރަށް ކަމަށް ކުރީ ސަރުކާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ވަކިވެ މަހުލޫފް ރޭ ވަނީ ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރައްވާފަ އެވެ. މިއީ މަހުލޫފް ސޮއިކުރެއްވި ހަތަރުވަނަ ސިޔާސީ ޕާޓީ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަހުލޫފް ވިދާޅުވީ މިއީ ސިޔާސީ ޕާޓީއަކުން ވަކިވި ފުރަތަމަ ފަހަރު ކަމަށާއި އެނބުރި މިދިޔައީ ހަމަ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް ކަމަށްވާއިރު، ބަދަލުވެފައި އޮތީ ހަމައެކަނި ޕާޓީގެ ނަން ކަމަށެވެ. އަދި 2023 ގެ އިންތިހާބަށް ފަހު އޭނާއާ މެދު ކަންކަން ކޮށްފައިވާ ގޮތުން ފޫހިވިލެެއް ބޮޑުވަރުން ސިޔާސީ ކަންކަމާއި ދުރުގައި ހުރި ކަމަށާއި އެމްޑީޕީން ވަކިވުމުން އެޕާޓީގެ މަތި ފަޑީގައި އުފާވާނެ ބަޔަކު ތިބޭނެ ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުގައި މަގާމެއް ހައްގުވާނަމަ އެންމެ ފުރަތަމަ ގުނާ އެކަކަށް އޭނާ ވާނެ ކަމަށާއި އަދި އޭނާއަށް ސަރުކާރުން ދިން ވަޒީރުކަމަކީ ތަބަކަށް ލާފަދިން މަގާމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

މަހްލޫފް ވަނީ ޕީއެންސީއާ ގުޅުމަށް އޭނާއަށް އެތައް ފަހަރަކު އެ ޕާޓީން ދައުވަތު ދިންކަން ވެސް ހާމަކޮށްފަ އެވެ. އަދި ރާއްޖޭގެ ތަރީހުގައި ބޭއްވި އެންމެ ބޮޑު ސިޔާސީ އެއްވުމުގައި ސޮއިކޮށްލަން ލިބުމަކީ އުފަލެއް ކަމަށްވެސް ވިދާޅުވި އެވެ.