ކޮންމެ ބަޔަކު ވެސް ވެރިކަމަށް އައިސް އައްޑޫ ތަރައްގީކޮށް ދޭނެ ވާހަކަ ދައްކާ ދެއްކިޔަސް އެކަން ނުވާ ކަމަށާއި މި ސަރުކާރަކީ އެކަން ކޮށްދޭނެ ސަރުކާރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ރޭ މާލޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އައްޑޫގެ ތަރައްގީ އަކީ އަބަދު ވެސް ބިލާހަކަށް ހަދާފައި އޮންނަ ކަމމެއް ކަމަށެވެ.
"ކޮންމެ ސަރުކާރެއް އައިސްފައި ވެސް އައްޑޫ ތަރައްގީކޮށްދޭނަމޭ ބުނަނީ. އެކަމަކު ޒިންމާއާ ހަވާކުވެފައި އެކަން ހަނދާން ނެތެނީ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު އެހެނެއް ނަހަދާނަން. މިއަދާ ހަމައަށް އައި އިރު ވެސް މި އައީ [އައްޑޫ] ރައްޔިތުންނާ ގާތުން މަސައްކަތް ކުރަމުން."
ރައީސް ވިދާޅުވީ ދާދި ފަހުން ވެސް އައްޑު އަށް ވަޑައިގެނ ްއައްޑޫގެ ކުރިއެރުންތަކާ ގުޅުން ހުރި އެކި މަޝްރޫއުތަކުގައި ސޮއިކޮޮށްފައިވާ ކަމަށެވެ. އެގޮތުން އައްޑޫގައި ޓޫރިޒަން ފުޅާކުރަން ވެސް މިހާރު އެތައް ކަންތައްތަކެއް ފަށާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަދި ހަމަ އެގޮތަށް އައްޑޫގެ ތަރައްގީ އަށް ހުޅުދު އާއި މީދޫގެ ރައްޔިރުން ބޭނުންވި ގޮތަށް ވަކި ކައުންސިލްތަކެއް ހަދަން ވެސް މިހާރު އޮތީ ނިންމާފައި ކަމަށެވެ.
"ހަގީގީ ތަރައްގީ އަންނާނީ ރައްޔިރުން ބޭނުންވާ ގޮތަށް ކަންކަން ކުރަން ސަރުކާރަކުން އުޅެގެން. އެހެންވެގެން އެގޮތަށް މި މަސައްކަތް ކުރަނީ." ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައު އައްޑޫގެ ތަރައްގީ އަށް ކަންކަން ފަހިކޮށް ދިނުމުގެ ގޮތުން ވިޔަފާރިވެރިންނާއި ޒުވާނުންނަށް ވިޔަފާރި އާއި އިގުތިސާދީ އަދި އިންވެސްޓްމަންޓް ފުރުސަރުތައް ފަހިކޮށް ދިނުމަށްޓަކައި އެކިއެކި ގޮތް ގޮތުން ލުއިތަކެއް ހޯދައި ދޭން މަޝްވަރާކޮށް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
"ދެވެން ހުރީ ކޮން ލުއިތަކެއްތޯ ބަލައި، އެއީ މިސާކަކަށް ކަސްޓަމް ޑިއުޓީ ނޫނީ އެހެން ގޮތަކަށް ވިޔަސް ޑިއުޓީތަކާއި އެކި ކަންކަމަށް މަށް ދެވެން ހުރީ ކޮން ލުއިތަކެއްތޯ މިކަންކަން އަޅުގަނޑުމެން މި ދަނީ ދިރާސާ ކުރަމުން،" ރައީސް ވިދާޅުވި އެވެ. "އަދި އެކަން ނިންމައި ދާދި އަވަހަށް އިއުލާން ކުރާނަން."
އައްޑޫގެ ތަރައްގީ އަށް މި ސަރުކާރުން ހިންގަން ނިންމާފައިވާ އެންމެ ބޮޑު މަޝްރޫއަކީ ހުޅުމީދު އާއި ހިތަދުއާ ދެމެދު ބްރިޖެއް އެޅުމެވެ. އެ މަޝްރޫއުގެ ކޮންސަލްޓަންސީ މިހާރު އޮތީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓީވައި ލިންއާ ހަވާލުކޮށްފަ އެވެ.