ސިވިލް ސާވަންޓުން ގިނައިރު ވަންދެން ކޮފީގައި ތިބޭ މައްސަލާގައި ފިޔަވަޅު އަޅަން ބޭނުންވާ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖުތާޒު ވިދާޅުވެއްޖެ އެވެ.
ބަޖެޓް ދިރާސާކުރާ ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މުޖުތާޒު ވިދާޅުވީ މީގެކުރިން ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ގިނައިރު ވަންދެން ކޮފީގައި ތިބޭ ތިބުން މަދުވާނެ ކަމަށާއި ނަމަވެސް އެކަން ބަދަލުވެފައިވަނީ ޒަމާނަށް އައިސްފައިވާ ނޭދެވޭ ބަދަލެއްގެ ސަބަބުން ކަމަށެވެ.
ގިނައިރު ވަންދެން ކޮފީތަކުގައި ތިބެނީ ހަމައެކަނި ސިވިލް ސާވެންޓުން އެކަނި ނޫން ކަމަށާއި އެގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވެސް އެ ކުންފުނީގެ ޓީ ޝާޓުގައި ކޮފީތަކުގައި ތިބޭކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މުޖުތާޒު ވިދާޅުވީ މިކަން މޮނީޓާ ކުރެވޭނީ ރަނގަޅު މެކޭނިޒަމެއް ގާއިމުކުރެވިގެން ކަމަށާއި އެކަން މޮނީޓާކޮށް ބަލައި، ފިޔަވަޅުތައް އަޅަން ބޭނުންވާ ކަމަށެވެ.
"އެކަންތައްވެސް އަޅުގަނޑުމެންނަށް މޮނީޓާ ކުރެވޭނީ ރަނގަޅު މެކޭނިޒަމެއްގެ ތެރެއިން ހަމަ ގާއިމުކުރެވިގެންކަން އަޅުގަނޑަށް ބޮޑަށް ގަބޫލުކުރެވެނީ. މަޖިލީހުގެ ނައިބު ރައީސް ތި ކުރެއްވި ސުވާލަކީ ރަނގަޅު ސުވާލެއް. އެކަން މޮނީޓާކޮށް ބަލައި، އެކަންތަކުގެ ތެރޭގައި ހެެދެން އޮތް ފިޔަވަޅުތައް އަޅަން އަޅުގަނޑުމެން ބޭނުންވޭ،" މުޖުތާޒު ވިދާޅުވި އެވެ.