Last Updated: July 6, 06:00
Monday, July 6, 2026
ޚަބަރު

ވަހީދު، އެޕްސްޓީންއާ ބައްދަލުކުރިކަން ފަޅާއަރައިފި

ދެ ހާހުގެ ކުރީ ކޮޅުން ފެށިގެން އެމެރިކާގެ ނިއުޔޯކާއި ފްލޮރިޑާގައި ގިނަ އަދަދެއްގެ ކުޑަ އަންހެން ކުދިން ޓްރެފިކްކޮށް، އެ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ ޖެފްރީ އެޕްސްޓީންއާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބައްދަލުކުރިކަން ފަޅާއަރައިފި އެވެ.

މިކަން ފަޅާއެރީ އެމެރިކާ ކޮންގްރެސްގެ ހައުސް އިންސައިޓް ކޮމިޓީން ދާދިފަހުން އާންމުކުރި 20،000 އީމެއިލްގެ ތެރެއިންނެވެ.

އެގޮތުން 2012 ވަނަ އަހަރު، އދ.ގެ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ވަހީދުގެ ދެކަނބަލުން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެޕްސްޓީންއާ ބައްދަލުކުރިކަން އެ އީމެއިލްތަކުން އެނގެ އެވެ. އެ ދަތުރުގެ ޝެޑިއުލް، ވަހީދު އެޕްސްޓީންއާ ހިއްސާކުރެއްވިއިރު، އެއިން އެނގޭ ގޮތުގައި ރޭގަނޑުގެ ކެއުމެއް ވަހީދު ވަނީ އެޕްސްޓީންއާއެކު ރާވާފަ އެވެ. ޝެޑިއުލްގައިވާ ގޮތުން މިއީ ދެ ގަޑިއިރާއި ބައިގެ އިވެންޓެކެވެ.

މީގެއިތުރުން 2013 ވަނަ އަހަރު، އެޕްސްޓީންގެ ގެއަށް ވަހީދު ވަޑައިގެންކަން ވެސް އީމެއިލްތަކުން ވަނީ ސާބިތުވެފަ އެވެ. އަދި ވެރިކަމުގައި ހުންނެވި ދުވަސްވަރު ވަހީދު އެކި ކަންކަމުގައި އެޕްސްޓީންގެ ލަފާ ހޯދާފައިވާކަން ވެސް އީމެއިލްތަކުން އެނގެ އެވެ.

ވަހީދު އެޕްސްޓީންއާ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ކުށް އެޕްސްޓީންގެ މައްޗަށް ސާބިތުވެފައިވަނިކޮށެވެ.

ވަހީދު މިހާރު ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުގަ އެވެ.

މުއްސަނދިންނާއި ނުފޫޒުގަދަ ސިޔާސީ މީހުންނާއި ގުޅުން ބަދަހިކުރި އެޕްސްޓީން 2019 ވަނަ އަހަރު ހައްޔަރުކުރީ ޖިންސީ ވަގުފާރީގެ ފެޑެރަލް ތުހުމަތުގަ އެވެ. އޭނާ ހައްޔަރުކުރިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން ނިއު ޔޯކް ސިޓީގެ ފެޑެރަލް ޖަލެއްގައި ހުންނަ އޭނާގެ ގޮޅީގެ ތެރޭގައި މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ.