Last Updated: July 6, 06:00
Monday, July 6, 2026
ޚަބަރު

އާ ޓާމިނަލަށް އޮސްޓްރިއަން އެއާލައިންސް ވެސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން އޮސްޓްރިއާގެ ގައުމީ އެއާލައިން، އޮސްޓްރިއަން އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފި އެވެ.

އޮސްޓްރިއަން އެއާލައިންސްއަށް ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެއާ ނެވިގޭޝަން އެންޑް އޭރޯޑްރޯމްސްގެ ޑިރެކްޓަރު ފާތިމަތު ރާމިޒާ އެވެ. ރަސްމިއްޔާތުގައި އޮސްޓްރިއަން އެއާލައިންސްގެ ސްޓޭޝަން މެނޭޖަރު ރޮބާޓް ހާވީ އާއި އެއާލައިންގެ އޮފިޝަލުންގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި އޮސްޓްރިއަން އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވާލެވުނުއިރު، އެ ފްލައިޓުން ދަތުރުކުރި 321 ފަސިންޖަރުންނަށް ހާއްސަ ހަދިޔާ ދީފައިވެ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް އިން ރާއްޖެ އައި 321 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

އޮސްޓްރިއަން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށީ 2 ނޮވެންބަރު 1995 ގައެވެ.

އޮސްޓްރިއަން އެއާލައިންސްއަކީ 26 ޖުލައި 2025ގައި ހުޅުވި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 23 ވަނަ އެއާލައިނެވެ.