Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

'ރެހެންދި އެވޯޑް' 15 ފަރާތަކަށް ދީފި

އަންހެނުންނަށް ހާއްސަކޮށްގެން ދެމުން އަންނަ މި އަހަރުގެ 'ރެހެންދި އެވޯޑް' 15 ފަރާތަކަށް ދީފި އެވެ.

ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ، ފަސްޓްލޭޑީ ސާޖިދާ މުޙައްމަދުއެވެ. އެ ރަސްމިއްޔާތުގައި ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމާއި ދާއިރާގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރޭގެ ހަފުލާގައި ދީފައި ވަނީ މިދިޔަ އަހަރާއި މި އަހަރުގެ އެވޯޑެވެ.

މި ފަހަރުގެ އެވޯޑްގައި މައިގަނޑު ތިން ކެޓަގަރީއަކުން ކުރިމަތިލުމަށް ހުޅުވާލިއެވެ. އެއީ ވަކިވަކި އަންހެނުންނާއި ޖަމިއްޔާ ޖަމާއަތްތަކަށް އެވޯޑަށް ހުށައެޅޭ ކެޓަގަރީގެ އިތުރުން އިންސްޓިޓިއުޝަނަލް ޖެންޑަ މެއިންސްޓްރީމިންގެ ދާއިރާތަކެވެ.

ރެހެންދި އެވޯޑް 2024 އަށް 22 އަންހެނުން ކުރިމަތިލިއިރު، މި އެވޯޑް ފަސް މީހަކަށް ލިބިފަވެއެވެ. އަދި 2025 ގެ އެވޯޑަށް 28 އަންހެނުން އެވޯޑަށް ކުރިމަތިލިއިރު، 10 ފަރާތަކަށް އެވޯޑް ލިބުނެވެ.

2025 ގައި ރެހެންދި އެވޯޑް ލިބުނު ފަރާތްތައް:

• އާއިޝަތު ހުސައިން: އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• ޘުރައްޔާ އިބްރާޙިމް: އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• އާމިނަތު އާދަމްކޮއި: އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• އާމިނަތު ރީމާ ރަޝީދު: ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާ
• ޑރ. ރުޚްޝާނާ އަޙްމަދު: އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• ސަމީނާ އިބްރާޙީމް: އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• ސަފާތު އަޙްމަދު ޒާހިރު: އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• އައިޝަތު ވަހީދާ: އިޤްތިޞާދީގޮތުން ބާރުވެރިކުރުމުގެ ދާއިރާ
• އާމިނަތު ސޫޒަން: ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާ
• ޒަހިއްޔާ މުޙައްމަދު: އާއްމުކޮށް އަންހެނުން ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ

2024 ގެ ރެހެންދި އެވޯޑް ލިބުނު ފަރާތްތައް:

• އަލްއުސްތާޛާ މަރްޔަމް އިނާޝާ: އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• މަރްޔަމް މުރުޝިދާ: އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• އަސްމާ ޙަސަން: އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• ޢާއިޝަތު ޠާއިފާ: އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• ވިމެން އެންހޭންސްމަންޓް (އެންޖީއޯ): އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ

ރެހެންދި އެވޯޑަކީ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް އަންހެނުން ކުރާ އަގުހުރި މަސައްކަތަކާއި އަންހެނުން ޙާސިލްކޮށްފަވާ ކާމިޔާބީތައް ފާހަގަކޮށް އަގު ވަޒަންކުރުމާއި ޤައުމީ ޚިދުމަތަށް އިތުރު އަންހެނުން ނިކުރުމަށް ހިތްވަރު ދިނުމާއި އަންހެނުންގެ ޙިއްސާ މަދު ދާއިރާތަކަށް އަންހެނުންގެ ޙިއްސާ އިތުރުކުރުމުގެ އިތުރުން، އާ ދާއިރާތައް ތަޢާރަފުކޮށް، އެ ދާއިރާތަކަށް އަންހެނުން ނެރުމަށް ބާރުއެޅުމުގެ ގޮތުން ދެމުން އަންނަ އެވޯޑެވެ.

މި އެވޯޑް ދޭން ފެށީ 2014 އިން ފެށިގެންނެވެ.