މިހާރު އިންޑިއާގެ އެންމެ ވަރުގަދަ ޑައިރެކްޓަރު ކަމަށްވާ އެސްއެސް ރާޖަމޯލީގެ އާ ފިލްމުގެ ނަމަކީ "ވަރާނަސީ" ކަން އިއުލާންކޮށްފި އެވެ.
ފިލްމުގެ ނަން ރޭ އިއުލާން ކުރުމުގެ މާ ކުރިން މިޑިއާތަކުން އޮތީ މީގެ ނަމަކީ "ވަރާނަސީ" ކަމަށް ރިޕޯޓްކޮށްފަ އެވެ. އަދި އެ ނަން ފިލްމަށް ދީފައި ވަނީ ފިލްމުގެ ޕްލޮޓާ ގުޅުވައިގެންނެވެ.
ރޭ އިރާކޮޅު ބޭއްވި ކުލަގަދަ ހަފުލާއެއްގައި ވަނީ ފިލްމުގެ ލީޑް ބަތަލާ އެކު ފިލްމުގެ ނަމާ އެކު ރަސްމީ ފުރަތަމަ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ. އެކްޝަން އެޑްވެންޗާއެެއްގެ ގޮތުގައި ހަދަމުން އަންނަ "ވަރާނަސީ" ގެ ލީޑް އެކްޓަރަކީ މަޝްހޫރު ތެލެގޫ އެކްޓަރު މަހޭޝް ބާބޫ އެވެ. ފިލްމުގައި އޭނަ ފެންނާނީ ރުދްރާ ކިޔާ ކެރެކްޓާއަކުންނެވެ.
މި ފިލްމުގެ މައިގަނޑު ރޯލުތަކުން ޕްރިޔަންކާ ޗޯޕްޅާ އާއި ޕްރިތުވީރާޖް ސުކްމަރަން ވެސް ފެންނާނެ އެވެ. އެ ދެ ތަރިންގެ ފަސްޓްލުކް ޕޯސްޓަރުތަކެއް ކުރިން ވެސް ދައްކާލައިފި އެވެ.
"ވަރާނަސީ" އަކީ 2022 ގައި ރާޖަމޯލީގެ ގެނެސްދިން ބޮޑު ހިޓް "އާރްއާރްއާރް" އަށް ފަހު ގެނެސްދޭ ފުރަތަމަ ފިލްމެވެ. މި ފިލްމަކީ އޭނަ އާއި ބައްޕަ ކޭވީ ވިޖަޔެންދުރަ ޕްރަސާދުގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.
"ބާހްބަލީ" އާ އަކު އިންޑިއާގެ ސިނަމާގެ ވަރުގަދަކަން ބައިނަލްއަގުވާމީ ދުނިޔެ އަށް ދައްކައިލި ރާޖަމޯލީ އަކީ އަބަދު ވެސް ވަރަށް ވަރުގަދަ ފިލްމުތައް ގެނެސްދޭ ޑައިރެކްޓަރެކެވެ. އޭނަގެ ފިލްމުތަކުގެ އެންމެ ހާއްސަ ކަމަކީ އޮއްޓަރު ހުރި ވަރަށް ޝައުގުވެރި ވާހަތަކަށް، ވަރަށް އިންޑިއާވަންތަ ފިލްމުތަކެއް ގެނެސްދިނުމެވެ.
އެހެންވެ ރާޖަމޯލީގެ ފިލްމެކޭ ބުނެފި ނަމަ އެ ފިލްމުތަކަށް އިންތިޒާރު ކުރަން ޖެހޭ އެތައް ކަމެއްވެ އެވެ.
ނަމަވެސް އޭނަގެ އާ ފިލްމު "ވަރާނަސީ" ބަލާލަން އަދި ދިގު އިންތިޒާރެއް ކުރަން ޖެހޭނެ އެވެ. ޕޯސްޓަރުގައިވާ ގޮރުން ފިލްމު ސިނަމާތަކަށް ގެންނާނި 2027 ގަ އެވެ. މީގެ ޝޫޓިން ފެށީ މި އަހަރުގެ ކުރީކޮޅު އެވެ. އެގޮތުން އިންޑިއާގެ އިތުރުން ދާދި ފަހުން ކެންޔާގައި ވެސް ޝޫޓިން ޝެޑިއުލެއް ކުރިއަށް ގެންގޮސްފައިވެ އެވެ.