Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އެޗްޑީސީ ފްލެޓްތައް ހަވާލު ކުރަން ފަށައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "ރީތިގަސް" ފްލެޓުތައް ލިބުނު މުވައްޒަފުންނަށް އެޕާޓްމަންޓުތަކުގެ ތަޅުދަނޑިތައް ހަވާލުކުރަން ފަށައިފި އެވެ.

އެކަމަށްޓަކައި، ހުޅުމާލޭގެ ރީތިގަސް މަގުގައި ރޭ ވަނީ ބޭއްވި ހާއްސަ ހަފުލާއެއް ވެސް ބާއްވައިފަ އެވެ. އެ ހަފުލާގައި ބައެއް މުވައްޒަފުންނަށް އެޕާޓްމަންޓްތަކުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، އެޗްޑީސީގެ ސްޓާފުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް، ސްޓާފުންނަށް ހާއްސަކޮށްގެން 2017 ވަނަ އަހަރު ފެށި އެ މަޝްރޫއުގެ ދަށުން ހަ ޓަވަރުގައި ޖުމްލަ 459 އެޕާޓްމަންޓް ހަދާފައިވެ އެވެ.

އެޗްޑީސީން ބުނީ ރޭ ހަވާލުކުރަން ފެށީ ނިމިފައިވާ ޓަވަރު އޭ އަދި ބީ ޓަވަރު ގައި ހިމެނޭ 153 އެޕާޓްމަންޓެވެ. އަދި ބާކީ ހަތަރު ޓަވަރުގެ މަސައްކަތް އަންނަ މަހުގެ 25 އަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ބުންޏެވެ.

ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ގާއިމްކޮށްފައި ވާއިރު، ޓަވަރުތަކުގައި ކޮމަން އޭރިއާ އާއި ސެކިއުރިޓީ ރޫމްގެ އިތުރުން ކޮންމެ ޓަވަރެއްގައި ކޮމާޝަލް ޔުނިޓުތައްވެސް ހިމެނެ އެވެ. އަދި އޭގެ އިތުރުން ޖުމްލަ 54 ކާރު ޕާކިން ސްލޮޓާއި 782 ސައިކަލް ޕާކިން ސްލޮޓް ވެސް ޓަވަރުތަކުގައި ހިމެނެ އެވެ.