އިމާމުވެ ހުކުރު ނަމާދުކުރާނެ ޚަތީބުން ތަމްރީނު ކުރަން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފަހަރަށް ކައުންސިލަރުންނަށް ހާއްސަކޮށްގެން ހިންގި ޕްރޮގްރާމް 36 ކައުންސިލަރަކު ފުރިހަމަކޮށްފި އެވެ.
އެ ކޯސް ފުރިހަމަކުރި ކައުންސިލަރުންނަށް ރޭ ވަނީ ސެޓްފިކްޓް ވެސް ދީފަ އެވެ.
ޕްރޮފެޝަނަލް ޚަޠީބް ޕްރޮގުރާމު ފުރިހަމަކުރި ކައުންސިލަރުންނަށް ޚުޠުބާ ކިޔުމުގެ ހުއްދައިގެ އިތުރުން ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ ވެސް ދީފައިވެ އެވެ.
ބައިވެރިންނަށް ސެޓްފިކެޓް ދޭން ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ
މިނިސްޓްރީން ބުނީ މި ޕްރޮގުރާމަކީ ބައެއް ރަށްރަށުގައި ޚުޠުބާ ކިޔާ މީހުން ލިބުމުގައި އޮތް ދަތިކަން ފިލުވުމަށް ކައުސިލަރުންގެ ތެރެއިން ޤާބިލުކަން ހުރި ފަރާތްތަކަށް ޚުތުބާ ކިއުމުގެ ހުއްދަ ދިނުމަށް ފުރަތަމަ ފަހަރަަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމެެއް ކަމަށެވެ.
ޝަހީމު ރޭ ވިދާޅުވީ، އިދާރީ ގޮތުން ރަށުގެ ކަންކަން ހިންގުމާއެކު، އިމާމުވެ ހުކުރު ކުރުން ފަދަ ދީނީ ކަންކަންކަން ވެސް އިސްވެ ކުރުމުގެ ޤާބިލުކަން ހުރި ލީޑަރުން ރަށުގެ ވެރިންނަށް ތިބުމަކީ އިސްލާމީ މުޖުތަމަޢެއްގައި ބޭނުންތެރިކަމެއް ކަމަށެވެ. އެހެންވެ ސެޓްފިކެޓް ހާސިލުރި ކައުންސިލަރުންނަށް މަރުހަބާ ވިދާޅުވި އެވެ.
ކައުންސިލަރުންނަށް އަމާޒުކޮށްގެން ހިންގަން ނިންމި ޚަތީބުކަމުގެ ކޯހަށް ހުޅުވާލީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެެ.
އިސްލާމިކް މިނިސްޓްރީން އަންނަނީ ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ވެސް ވަރަށް ކާމިޔާބުކަމާ އެކު ސިލްސިލާކޮށް ހިންގަމުންނެވެ. މިއީ އޯ ލެވެލް އާއި އޭ ލެވެލް އަށް ކިޔަވަމުން އަންނަ ނުވަތަ ކިޔަވައި ނިންމާފައިވާ ޒުވާނުންނަށް ހާއްސަ ޕްރޮގްރާމެކެވެ.