ހުޅުމާލޭގެ އެމްޕީއެލް ޕޯޓްގައި ހުއްޓައި ސިނގިރޭޓު ކޮންޓެއިނަރުތަކެއް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި މި ފަހަރު ހައްޔަރުކޮށްފައި ވަނީ ބިދޭސީއެކެވެ. އެއީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ މުޙައްމަދު އަލަމިން މިއާ އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ. މިއާހެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެ ކުރުމުން އެ މަހުގެ 26 ވަނަ ދުވަހު ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ހުޅުމާލޭ ޕޯޓުން ވަގަށް ނަގައިފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅި މިދިޔަ މަހުގެ 9 ގަ އެވެ.

މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ޖުމްލަ 10 މީހަކު ހައްޔަރުކޮށް މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. އޭގެ ތެރޭގައި ދެ ވިޔަފާވެރިޔަކު ވެސް ހިމެނެ އެވެ. އެއީ މަޝްހޫރު ލޮޓަސްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އެވެ.