ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން ދޭ ނިންމި ސިގްނޭޗާ ރިސާޗް ސްކޮލަޝިޕް 40 މީހަކަށް ދީފި އެވެ.
ސްކޮލަޝިޕް ލިބުނު މީހުންނާ ލިޔުން ހަވާލުކޮށް ދެއްވީ އިސްލާމީ ޔުނިވަސިޓީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދެވެ.
ދިވެހި ތަރިކައިގެ ޢިލްމު އުފައްދައި، ޤާބިލު ތަރިކަވެރީންތަކެއް އުފެއްދުމަށް ހުޅުވާލި ސިގްނޭޗަ ސްކޮލަޝިޕްތަކަކީ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގައި މާސްޓާސް އިން ރިސާޗް އެންޑް ޕަބްލިކޭޝަން ޕްރޮގުރާމެއް ހާސިލުކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަކޮށްފައިވާ ސްކޮލަޝިޕްތަކެވެ.
މި ސްކޮލަޝިޕްގެ ދަށުން، ހިންގާ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ ދެ އަހަރެވެ.
މި މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު ދެ ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި ޢިލްމީ ހޯދުންތަކާ ގުޅޭ މަސައްކަތްކުރަން ޖެހެ އެވެ. ސްކޮލަޝިޕް ލިބުނި މީހުންނަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ޢިލްމީ ގޮތެއްގައި ފުންކޮށް ދަސްކުރުމުގެ ފުރުޞަތު ލިބުމުގެ އިތުރުން ތަރިކައިގެ ދާއިރާގެ ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުޞަތު ވެސް ލިބޭނެ އެވެ.