Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ނަގާ ދަރަންޏާ އެއްވަރަށް މަންފާވާ މަޝްރޫއުތަކެއް ނުހިންގޭ

ރާއްޖޭގެ ދަރަނިތައް އަދާކުރަން ދަތިވަނީ މިހާތަނަށް ސަރުކާރުތަކުން ދަރަންޏަށް ނެގި ފައިސާ ބޭނުންކޮށްގެން އެ ދަރަންޏާ އެއް މިންވަރުގެ އިގުތިސާދީ މަންފާ ނެރެވޭނެ ތަރައްގީގެ މަޝްރޫއުތަކެއް ހިންގިގައި ނެތުމުން ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު ޕީއެންސީގެ އަހްމަދު އަޒާން ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައި އޮޔް ބަޖެޓާ ގުޅޭ ގޮތުން ބަހުސްކުރައްވަމުން މަޖިލީހުގެ ޖަލްސާގައި އޭނަ ވިދާޅުވީ އަަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ޖުމްލަ ގޮތެއްގައި ރަނގަޅު ބަޖެޓެއް ކަމަށެވެ. ނަމަވެސް ސަރުކާރުން ބަޖެޓު ތަންފީޒު ކުރުމުގައި ވިސްނަންވީ މުހިއްމު ކަންތައްތަކެއް ހުރި ކަމަށް އަޒާން ވިދާޅުވި އެވެ.

"އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަޤީންކަން އަރުވަން. އަންނަ އަހަރު ބަޖެޓާ އެއްގޮތަށް ޚަރަދު ކުރާތޯ ފާރަވެރިވާނެ ކަމަށް." އޭނަ ވިދާޅުވި އެވެ.

އަޒާން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް އާ ފިޔަވަޅުތަކެއް ހިމަނާފައި ނުވާ އިރު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ބޮޑު ބަޔަކީ ޓޫރިސްޓުންގެ އަތުން ނަގާ ޓީޖީއެސްޓީން ލިބޭ އާމްދަނީކަން ފާހަގަ ކުރެއްވި އެވެ. އަދި އިގުތިސާދު ސިންދަފާތުކުރުމުގެ މަސައްކަތް ރާވައިގެން ކުރިއަށް ގެންގޮސް ޓޫރިިޒަމަށް އެކަނި އިގުތިސާދު ބަރޯސާވެފައިވާ މިންވަރު ކުޑަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅު ވިއެވެ.

އަދި އަންނަ އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހިމަނާފައިވުމުގެ ސަބަބުން މުސާރައިގެ ހަރަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށާއި އެކަމާ މެދު ފުންކޮށް ވިސްނައި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާ ފައިހަމަވާނެ ގޮތުގައި އީޖާދީ ހައްލުތަކެއް ހޯދައިގެން އެފިޝިންސީ އިތުރުކޮށް މުވައްޒަފުންނަށް ކުރާ ހަރަދު ކުޑަކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ ރާއްޖޭގައި ސަބްސިޑީ ދެނީ ބްލޭންކެޓުކޮށް ކަމަށާއި އޭގެ ސަބަބުން ގޮންޖެހުންތަކަށް އެބަހުރި ކަމަށެވެ.

އޭނަ ވިދާޅުވީ އަންނަ އަހަރަކީ ސަރުކާރުން އެންމެ ގިނައިން ދަރަނި އަދާކުރަން ޖެހޭ އަހަރު ކަމަށެވެ. އެކަމަކު އަންނަ އަހަރު ދައްކަން ޖެހޭ ދަރަނި އަދާކުރެވޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދީފައިވާކަމަށް ވިދާޅުވި އެވެ.

"މާލީ ވުޒާރއިން ވިދާޅުވާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގެ އަމާޒަކީ ސަރުކާރުން ދޭ ހިދުމަތްތައް މެދުނުކެނޑި ސަރުކާރުން ހާސިލުކުރަން ބޭނުންވާ އަމާޒުތަކަށް ބަޖެޓުން ޖާގަ ތަނަވަސްކޮށް، މެކްފޯ ފިސްކަލް ސްޓެބިލިޓީ ކަށަވަރުން ކަމަށް،" އަޒާން ވިދާޅުވި އެވެ. "އަޅުގަނޑަށް ފެންނަ ފެނުމުގައި ބަޖެޓުގެ މި އަމާޒު ހާސިލުކުރެވޭނެ."