ކައިވެނި ނުކުރެވި ލަސްވަނީ ބިޒީކަމުން ކަމަށް އެމެރިކާގެ މަޝްހޫރު ފަންނާނު ލޭޑީ ގާގާ ބުނެފި އެވެ.
ލަވަކިޔުންތެރިއެއްގެ އިތުރުން ބަތަލާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ގާގާ، 39، އާއި ވިޔަފާވެރިޔާ މައިކަލް ޕޮލާންސްކީ، 42، އެންޖޭޖްވީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.
އެ ދެ މީހުން ލޯބީގެ ގޮތުން ގުޅުނީ 2019 ގަ އެވެ.
ރޯލިން ސްޓޯން މަޖައްލާ އަށް ދިން އިިންޓަވިއުއެއްގައި ކައިވެންޏާ ބެހޭ ގޮތުން ސުވާލު ކުރުމުން ގާގާ ބުނީ އެކަން ލަސްވެގެން އުޅެނީ އޭނަ އާއި ޕޮލާންސްކީ ވެސް އެ މީހުންގެ ޕްރޮފެޝަނަލް ކަންކަމުގައި މާ ބިޒީކޮށް އުޅެން ޖެހިފައިވާތީ ކަމަށެވެ. އެކަމަކު ކައިވެނިކޮށް ދަރިން ހޯދުމުގެ ޕްލޭން ވެސް ކުރިއަށް އެބައޮތް ކަމަށް ބުންޏެވެ. ނަމަވެސް ކައިވެނި ކުރާނެ ސީދާ ވަކި ދުވަހެއް ކަނޑައަޅަން ވަރަށް ދަތި ކަމަށް ބުންޏެވެ.
ގާގާ މިހާރު ބުރަކޮށް އުޅެނީ އޭނަ މި އަހަރުގެ ޖުލައި 16 ގައި ފެށި ޓުއާގަ އެވެ. 'ދަ މޭހެމް ބޯލް' ގެ ނަމުގައި ކުރިއަށް ގެންދާ ޓުއާ ނިންމައިލާ ގޮތަށް އޮތީ އަންނަ އަހަރުގެ އެޕްރީލް 13 ގަ އެވެ. މި ޓުއާގެ ތެރެއިން ޖުމްލަ 87 ޝޯ ދޭން ހަމަޖެހިފައިވާ އިރު، އެމެރިކާގެ އިތުރުން ޔޫރަޕާއި އޯޝަނިއާ އަދި އޭޝިއާގެ ގައުމުތަކުގައި ގާގާ ޕަފޯމް ކުރަން ހަމަޖެހިފައިވެ އެވެ.
އޭނަ ބުނީ ފަހަރުގައި ޓުއާ ނިންމައިލާ ހިސާބުން ވެސް ކައިވެނިކޮށްފާނެ ކަމަށެވެ. އަދި ކައިވެނީގެ ހަފުލާ މާ ކުލަގަދަކޮށް ބާއްވަން ބޭނުން ނުވާ ކަމަށް ވެސް "އަ ސްޓާ އިޒް ބޯން" އާއި "ޖޯކާ" އަދި "ހައުސް އޮފް ގޫޗީ" ފަދަ ފިލްމުތައް ކުޅުނު ގާގާ ބުންޏެވެ.
"އަސްލު އަހަންނާއި މައިކަލް މިހާރު ވެސް ހަމަ ދެމަފިރިން ކަހަލަ،" ގާގާ ބުންޏެވެ. "އެހެންވީމަ އަދި ރަސްމީކޮށް ހަފުލާއެއް ބާއްވައިގެން ކައިވެނި ކުރުމަކުން އަންނާނެ މާ ބޮޑު ތަފާތެއް ވެސް ނެތް."
އޭނަ މިހާރު ކުރިއަށް ގެންދާ ޓުއާ އަކީ މި އަހަރު މާޗްގައި ނެރުނު އަލްބަމް "މޭހެމް" ގެ ޕްރޮމޯޝަނަށް ކުރިއަށް ގެންދާ ޓުއާއެކެވެ. މި އަލްބަމަކީ ގާގާގެ 6 ވަނަ ސްޓޫޑިއޯ އަލްބަމެވެ.