އައްޑޫ ހިތަދޫ، ހިތަދޫ ސްކޫލްގެ ޕްރިންސިޕަލަށް ޑރ. އަބްދުއްލަތީފު އަލީ ހަމަޖައްސައިފި އެވެ.
ރައީސުލްޖުމްހުރިއްޔާ ދެއްވާ މަތީ ރަރަޖަ އިނާމު ވެސް މި އަހަރުހެ ޖުމްހޫރީ ދުވަހުގައި ލިބިވަޑއިގަތް އަބްދުއްލަތީފު ހިތަދޫ ސްކޫލްގެ ޕްރިންސިޕަލަކަށް ހަމަޖެއްސުމާ ގުޅިގެން އިއްޔެ ސްކޫލްގައި ބޭއްވި ހަފުލާއެއްގައި އާ ޕްރިންސިޕަލަށް ސްކޫލްގެ ފަރާތުން ހޫނި މަރުހަބާއެއް ވެސް ކިޔާފައިވެ އެވެ.
ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއްވެފައިވާ އަބްދުއްލަތީފަކީ އައްޑޫ ފޭދު އަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނަ އެންމެ ފަހުން ހުންނެވީ މަރަދޫ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގަ އެވެ.
ހިތަދޫ ސްކޫލްގެ ޕްރިންސިޕަލަކަށް އަބްދުއްލަތީފު ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. އާސިޔަތު މުހައްމަދުދީދީ މިދިޔަ މަހުގެ 30 ވަނަ ދުވަނު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނަ މަގާމުން އިސްތިއުފާ ދެއްވީ 11 އަހަރަށް ފަހު އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަދި ކުރީގެ ޕްރިންސިޕަލެއް ކަމަށްވާ ޑރ. އަދީލް ނަސީރުގެ އަނބިކަނބަލުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އައްޑޫ ޕޮލިސް ކޮލެޖްގަ އެވެ.
އާސިޔަތު އެތަނުގައި އަދާކުރައްވަނީ އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރެއްގެ މަގާމެވެ.