އައްޑޫ ސިޓީ އަކީ ރާއްޖޭގެ ދެކުނުގައިވާ، ތާރީޚީ ގޮތުންނާއި ތަބީޢީ ގޮތުން ވެސް ޚާއްޞަ ސިޓީއެކެވެ. ރީތި ފަރުތަކާއި ނަލަވިލުތަކުގެ އިތުރުން، އައްޑޫގެ ތާރީޚީ މުއްސަނދިކަމަކީ އެތަނަށް ލިބިފައިވާ އަގުނުކުރެވޭނެ މުދަލެކެވެ. ނަމަވެސް، މި ހުރިހާ ވަޞީލަތްތަކަކާ އެކު ވެސް، އިގްތިސާދީގޮތުން ފުދުންތެރި އައްޑޫއަކީ އަދިވެސް ހުވަފެނެކެވެ.
އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުމަކީ، އެ ސިޓީގެ ތަބީޢީ ރީތިކަމާއި، ޖަޣުރާފީ ގޮތުން ލިބިފައިވާ ފަސޭހަތަކެއް ނޫނެވެ. އައްޑޫގެ ފަޅުތަކުގެ ފުރިހަމަކަމާއި، ބީޗުތަކުގެ ރީތިކަމާއި، އަދި ދުނިޔޭގެ މުހިންމު ސަރަހައްދުތަކާ ގާތުގައި އޮތުމަކީ، އެ ސިޓީއަށް ލިބިފައިވާ މުހިންމު ފައިދާތަކެކެވެ. މި ފަދަ މަތިވެރި ފައިދާތަކުގެ ސަބަބުން، އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ގިނަ ފުރުޞަތުތަކެއް އައްޑޫއަށް ހުޅުވިފައިވެ އެވެ.
މިއީ އައްޑު އަށް ތަރައްޤީގެ އާ އުސްމިންތަކަކަށް ވާސިލުވުމަށް ބާރުއަޅާ ކަންކަމެވެ. ނަމަވެސް، މި ހުރިހާ ހެޔޮ ފައިދާއަކާއެކުވެސް، އައްޑޫއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެ ސިޓީގެ ރަށްތައް އެއް މަޤްޞަދެއްގެ ދަށުން އެކުލަވާލައި، ދުރުމުސްތަޤުބަލަށް އަމާޒުކުރެވޭ ތަސައްވުރެއް ނެތުމާއި، އެކަން ހިންގާނެ ހަރުދަނާ ލީޑަޝިޕެއް ނެތުމެވެ. އެކި ރަށްތައް ވަކިވަކިން ތަރައްޤީ ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، އައްޑު އަށް ބޭނުން ވަނީ، މުޅި ސިޓީއަށް ފައިދާ ކުރާނެ، ދުރުވިސްނޭ މަގުޗާޓެކެވެ. އެފަދަ މަގުޗާޓެއްގެ ދަށުން، އެކި ރަށްރަށުގައި ހުރި ވަކިވަކި ކުޅަދާނަކަން ދަނެގަނެ، އެކަންކަން އެއްބައިވަންތަ މަސައްކަތެއްގެ ތެރެއިން ކުރިއެރުވުމަކީ މުހިންމު ކަމެކެވެ. މުޅި ސިޓީއަށް ހިތްވަރުދީ، އެއް ޢިމާރާތެއްގެ ބައިތައް ފަދައިން މަސައްކަތް ކުރުވުމަށް ވަރުގަދަ ލީޑަރޝިޕެއްގެ ބޭނުން ވަރަށްބޮޑަށް ބޭނުންވެއެވެ.
މާނަވީ ރަނގަޅު މިސްރާބަކާއި، އައު ހަކަތައަކާއެކު، އައްޑޫއަށް ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަމުގެ ނަމޫނާއަކަށް ވެވިދާނެއެވެ. މިކަމަށްޓަކައި، އެންމެ ފުރަތަމަ ވެސް ބޭނުންވަނީ، އައްޑޫގެ ޚާއްޞަ ޘަޤާފީ ތަރިކަ އާއި ތަބީޢީ ރީތިކަން ހިމާޔަތްކޮށް، އެތަންތަން ފަތުރުވެރިކަމުގެ ބޭނުމަށް ހުޅުވައިލެވޭނެ ގޮތެއް ހޯދުމެވެ.
ފަތުރުވެރިކަން ކުރިއެރުވުމުގައި، ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އެ ފައިދާ އާންމު ރައްޔިތުންނަށް ވެސް ލިބޭނެ ގޮތްތައް ހޯދުމަކީ މުހިންމު ކަމެކެވެ. ތިމާވެއްޓަށް އަޅާލައިގެން، ޒަމާނީ ފެންވަރުގެ ޚިދުމަތްތަކާއި ވަޞީލަތްތައް ޤާއިމުކުރުމަކީ ވެސް، ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް ވަރަށް ބޭނުންތެރި ކަމެކެވެ.
އޭގެ އިތުރުން، މަސައްކަތުގެ ތަފާތު ދާއިރާތަކަށް ހުނަރުވެރި ބަޔަކު ތަމްރީންކުރުމަށް ދެވޭ ޚިދުމަތްތައް ފުޅާކޮށް، ޒުވާނުންނަށް ވަޒީފާގެ އެކަށީގެންވާ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ވެސް، "ވިޝަން އައްޑޫ" ޙާސިލުކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ މުހިންމު ކަމެކެވެ.
މި ހުރިހާ މަސައްކަތްތަކެއް ކުރުމުގައި، ޤާބިލު، ދުރުވިސްނޭ ލީޑަރޝިޕެއްގެ އިރުޝާދުގެ ދަށުން، ހުރިހާ ކަމާބެހޭ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަކީ، އައްޑޫ ދެކެމުންދާ ތަރައްޤީގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި އެންމެ މުހިންމު އެއް އަސާސެވެ. ކުރުގޮތަކަށް ދަންނަވާނަމަ، އައްޑޫ ސިޓީ އަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައި ވަނީ އާ ތަސައްވުރެއް، ހަރުދަނާ މިސްރާބެއް އަދި ހުނަރުވެރި ލީޑަޝިޕެކެވެ.
މި ތިން ބިންގަލުގެ މައްޗަށް ބިނާކޮށް، އައްޑޫއަކީ ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަމުގެ ނަމޫނާ މަންޒިލަކަށް ބަދަލުވެ، އެތަނުގެ ރައްޔިތުންނަށް ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމަށް ބޭނުންވާ ގުދުރަތީ ވަޞީލަތްތައް އެ ސިޓީއަށް ލިބިފައިވެއެވެ.
ސިޓީ ކައުންސިލް މެންބަރުންގެ ޤާބިލުކަމަކީ ހަމައެކަނި އެބޭފުޅުންގެ އަމިއްލަ ޒިންމާއެއް ކަމަށް އަޅުގަނޑުމެން ދެކިގެން ނުވާނެއެވެ. އެއީ މުޅި ސިޓީގެ ކުރިމަގު ކަނޑައަޅާ، ހުރިހާ ރައްޔިތުންނާ ގުޅިފައިވާ އަސާސީ ޒިންމާއެކެވެ. ސަބަބަކީ، ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމުގެ ބާރު ލިބިފައި ވަނީ ރައްޔިތުންނަށް ކަމަށްވާތީއެވެ. ޤާބިލު އަދި ކުޅަދާނަ ކައުންސިލް މެންބަރުންނަކީ ދެމެހެއްޓެނިވި، ފުރިހަމަ އަދި ކުރިއަރާފައިވާ ސިޓީއެއް ބިނާކުރުމުގެ ބިންގަލެވެ. އެހެންކަމުން، މިފަހަރުގެ އިންތިޚާބުގައި އާ ކައުންސިލަރުން ހޮވާއިރު، ޢިލްމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ޤާބިލު ކައުންސިލަރުންނަށް އިސްކަންދިނުމަށް އަޅުގަނޑުމެން އަޒުމް ކަނޑައަޅަމާތޯ އެވެ.
ތަރައްޤީއާ ގުޅޭ މަޝްވަރާތަކުގައި ހަމައެކަނި ވަގުތު ހޭދަކުރުމުގެ ބަދަލުގައި، މިހާރު މިއީ ޢަމަލީ މަސައްކަތަށް އަވަސްވެގަންނަން ޖެހޭ ވަގުތެވެ.