ކަމަލް ހަސަން ޕްރޮޑިއުސްކޮށް، ރަޖްކާނީކާންތު ކުޅެން ހަމަޖެހިފައި އޮތް ފިލްމެއް އޭގެ ޑައިރެކްޓަރު ސުންދަރު ސީ ދޫކޮށްލުމާ ގުޅިގެން އެ ފިލްމުގެ ޑައިރެކްޓްކޮށް ދޭން ދަނޫޝް އަށް ހުށަހަޅަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ރަޖްނީކާންތަކީ، އެކްޓަރެއްގެ ގޮތުގައި މަޝްހޫރު ދަނޫޝްގެ ކުރީގެ ބަފާބެކަމެވެ. އޭނަގެ ކުރީގެ އަންހެނުންނަކީ ރަޖްނީކާންތުގެ ދޮށީ ދަރިފުޅު އައިޝްވާރިއާ ރަޖްނީކާންތެވެ. ދެ ދަރިން ވެސް ލިބިފައި ވަނިކޮށް އެ ދެ މީހުންގެ ވަކިވާން ނިންމީ 2022 ގަ އެވެ. އަދި ރަސްމީކޮށް ކައިވެނި ރޫޅައިލީ މިދިޔަ އަހަރު އެވެ.

ކުރީގެ ބަފާގެ ރަޖްނީކާތު ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ "ތަލައިވާރު 173" ގެ ޑައިރެކްޝަން ދަނޫޝްއާ ހަވާލު ކުރަން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެމުން ދިޔަ ނަމަވެސް މިކަމާ ގުޅޭ ގޮތުން ކަމަލް ހަސަންގެ ޓީމުން މިހާތަނަށް އަދި ވަކި އެެއޗެއް ނުބުނެ އެވެ.
އެކަމަކު އެ ފިލްމު ހަވާލު ކުރަން ޝޯޓްލިސްޓްކުރާ ޑައިރެކްޓަރުންގެ ލިސްޓްގެ ވަރަށް ކުރީގައި ދަނޫޝް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސުންދަރު ބުނި ގޮތުގައި އޭނަ ފިލްމު ދޫކޮށްލީ މިނިވަންކަމާ އެކު ޑައިރެކްޓަރެއްގެ ޒިންމާ ނެގޭ ކަހަލަ ޕްރޮޖެކްޓަކަށް އެ ފިލްމު ނުވާތީ އެވެ. އެގޮތުން ސްކްރިޕްޓަށް އެއްވެސް ބަދަލެއް ގެންނަން ޕްރޮޑިއުސަރުން ބޭނުން ނުވާތީ އޭގައި މަސައްކަތް ކުރަން ބޭނުން ނުވީ ކަމަށް ބުންޏެވެ.
"އަހަންނަށް މަސައްކަތް ކުރެވޭނީ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ވަރަށް މިނިވަންކޮށް މަސައްކަތް ކުރަން ލިބިގެން. އަހަންނާ އެކު މަސައްކަތް ކުރާ ޓީމަކީ ވެސް ހަމަ އެކަހަލަ ޓީމެއް،" މިހާތަނަށް ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދިން 57 އަހަރުގެ ޑައިރެކްޓަރު ބުންޏެވެ.
އިންޑިއާގެ ދެކުނުގެ އެންމެ ނުފޫޒު ފަދަ އެކްޓަރުންގެ ތެރޭގައި ހިމެނޭ ދަނޫޝް އަކީ މަދުމަދުން ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ އެކްޓަރެކެވެ. އެގޮތުން އޭނަގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 28 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައި އޮތް ޑައިރެކްޓަރު އާނަންދު އެލް ރާއީގެ "ތެރެ އިޝްގް މޭ" އެވެ. މި ފިލްމުގެ ބަތަލާ އަކީ ކްރިތީ ސެނަން އެވެ.
ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ދަނޫޝް މިހާތަނަށް ހަތަރު ފިލްމު ޑައިރެކްޓްކޮށްފައިވެ އެވެ. އޭގެ ތެރެއިން ދެ ފިލްމެއް ރިލީޒްކުރީ މި އަހަރު އެވެ. އެއީ މިދިޔަ މަހު ރިލީޒްކުރި "އިޑްލީ ކަޅާއީ" އާއި ފެބްރުއަރީގައި ގެނެސްދިން "ނިލަވުކޫ އެން މެލް އެނައްޑީ ކޯބަމް" އެވެ.