ކުރިއަށް އޮތް 20 އަހަރަށް އެކުލަވައިލާ، ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ "ކުރިމަގު ސައްލާ" ގެ ބައްދަލުވުންތައް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބާއްވައި ނިންމާލައިފި އެވެ.
އެ ބައްދަލުވުންތައް ހުރިހާ ސިޓީތަކާއި ރަށު ކައުންސިލްތަކުގެ މެންބަރުންނާއި، ސަރުކާރުގެ އިދާރާތައް ތަމްސީލްކުރައްވާ ފަރާތްތައްވެސް ހިމެނޭހެން ރައްޔިތުންގެ ބައިވެރިވުން ހޯދައި ޚިޔާލާއި މަޝްވަރާ އެއްކޮށްފައި އެވެ.
"ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލުއެއްކުރުމަށް ކުރާ ދިރާގެ މަސައްކަތް ޙަވާލުކޮށްފައި ވަނީ "ނެކްސިޔާ މޯލްޑިވްސް" އާއެވެ.
މިދިޔަ ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ކ. ގުރައިދޫން ފެށި "ކުރިމަގު ސައްލާ" ބައްދަލުވުންތައް ނިންމައިލީ، ރެ އެވެ. އެގޮތުން އެންމެ ފަހުގެ ބައްދަލުވުންތައް ރޭ ބޭއްވީ ކ. ހިންމަފުށްޓާއި ހުރާ ގަ އެވެ.
މިއާ އެކު 189 ރަށުގައި ބައްދަލުވުންތައް ކުރިއަށްނގެންގޮސް، 9،048 މީހުންގެ ބައިވެރިވުން އެކިގޮތްގޮތުން ހޯދުނު ކަމަށް ނެކްސިއާ މޯލްޑިވްސް އިން ބުންޏެވެ
އެ ކުންފުނިން ބުނީ، "ކުރިމަގު ސައްލާ" ބައްދަލުވުންތައް މިހާރު ނިންމާލެވިފައިވާއިރު، އުމަރު ޒާހިރު އޮފީސް އިމާރާތުގައި ޤާއިމްކޮށްފައިވާ ވިލުންތެރި ރާއްޖެ އޮފީހުގައި ވަށްމޭޒު ސައްލާތައް ބާއްވަމުން އަންނަ ކަމަށެވެ.
މި ސައްލާތަކުގައި ޤައުމީ ތަރައްޤީގެ ޕްލޭނަށް މައުލޫމާތު އެއްކުރުމަށް މުހިންމު 60 މަޢުޟޫޢަކަށް އެކި ދާއިރާތަކުގެ މީހުން ބައިވެރިވެޚިޔާލާއި މަޝްވަރާތައް ދަނީ ހުށަހަޅަމުންނެވެ. ނެކްސިއާ އިން ބުނީ ވަށްމޭޒު ސައްލާގެ 19 ބައްދަލުވުން މިހާތަނަށް ބާއްވާފައިވެ އެވެ.
ހުރިހާ ރަށެއްގައި ބައްދަލުވުންތައް ނިންމައިލި ނަމަވެސް "ވިިލުންތެރި ރާއްޖެ 2045" އަށް ޚިޔާލާއި މަޝްވަރާ ހުށަހެޅުމުގެ ފުރުޞަތު އަދިވެސް އޮތް ކަމަށް ނެކްސިއާއިން ބުނެއެވެ. އެގޮތުން ނެކްސިއާގެ ޕޯޓަލްއިން، ޚިޔާލު ހޯދުމުގެ ސާވޭގައި ބައިވެރިވެ ރައްޔިތުން ދޭން ބޭނުންވާ ޚިޔާލާއި މަޝްވަރާ ވިލުންތެރި ދިވެހިރާއްޖެ ޕޯޓަލުން އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަ ތުވެސް ވަނީ ފަހިކޮށް ދީފަ އެވެ.
ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އެކުލަވާލުމުގެ މަސައްކަތް ކުރިއަށްގެންދަނީ، ހުރިހާ އެންމެން ޝާމިލްވުން ހިމެނޭ ގޮތުންނެވެ.
އެގޮތުން ކުޑަކުދިންނަށްވެސް ޤައުމީ ތަރަށްޤީގެ ޕްލޭނަށް ޚިޔާލު ހުށަހެޅުމަށް ފުރުސަތު ދިނުމަށް، މި މަހުގެ 4 ދުވަހު ފެށި ކުޑަކުދިންގެ އާޓް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ގެ ނިޔަލަށް އޮންނާނެ އެވެ.
ދުރުރާސްތާ ޕްލޭނަކަށް ވާސިލްވުމަށް ޤައުމު ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއި އެކު "ވިލުންތެރި ރާއްޖެ 2045" ޤައުމީ ޕްލޭން އެކުލަވާލައި، ކުރިއަށްއޮތް 20 އަހަރު ރާއްޖެ އޮންނަން ރައްޔިތުން ބޭނުންވާގޮތުގެ ތަސައްވުރު އެކުލަވާލައި، އެއަށް ޤާނޫނީ ބާރުވެރިކަން ލިއްބައިދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.