ބޭރުގެ އަސްކަރީ ބަޔަކާއި އަސްކަރީ މަރުޒަރެއް ވެސް އިކްއެޑޯ އަށް ބޭނުން ނުވާ ކަމަށް އެ ގައުމުގެ ރައްޔިތުން ބުނެފި އެވެ.
ރަައްޔިތުން އެގޮތަށް ނިންމީ ބޭރުގެ އަަސްކަރިއްޔާއެއް އެ ގައުމުގައި ގާއިމުވެ ތިބުމަށް ފެނޭތޯ ނުފެނޭތޯ އިއްޔެ ނެގި ވޯޓްގަ އެވެ. ނުފެންނަ ކަމަށް ވޯޓް ދިން މީހުންގެ 60 ޕަސެންޓަށް ވުރެ ގިނަ އިކްއެޑޯ ރައްޔިތުން ނިންމި އިރު، އެމެރިކާ އޮތީ މީގެ 16 އަހަރު ކުރިން ބަންދުކުރި އެ މީީހުންގެ އަސްކަރީ މަރުކަޒު އަލުން ޕެސިފިކް ކޯސްޓްގައި ހުޅުވުމުގެ އުންމީދުގަ އެވެ.
އިކްއެޑޯގައި ކުރިން ހިންގަމުން އައި އެމެރިކާގެ އަސްކަރީ މަރުކަޒު ބަންދުކުރީ 2008 ގަ އެވެ. އޭރު އެތަން ބަންދު ކުރަން ޖެހުނީ އޭރުގެ ރައީސް ރަފައެލް ކޮރެއާ އެެއްބަސްވުން އާކޮށް ނުދޭން ނިންމުމާ ގުޅިގެންނެވެ.
ނަމަވެސް ގޭންގް ކުށްތަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުން ފަދަ ބޮޑެތި ކުށުގެ ހާއްޔެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އިކްއެޑޯ އަށް ބޭރުގެ އަސްކަރިއްޔާއެއް މުހިއްމުވާ ކަމަށާއި އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ގާނޫނުއަސާސީ އިސްލާހު ވެސް ކުރައްވާނެ ކަމަށް މިހާރުގެ ރައީސް ޑެނިއަލް ނޮބޯއޯގެ ކެމްޕޭންގެ ތެރޭގައި 2023 ގައި ވިދާޅުވެފައިވެ އެވެ.

އޭނަ ވިދާޅުވީ ދުނިޔޭގައި ޓްރެފިކް ކުރާ ކޮކެއިންގެ 70 ޕަސެންޓް ވެސް ދައުރު ކުރަނީ އިކްއެޑޯ މެދުވެރިކޮށް ކަމަށެވެ. ހަމައެއާ އެކު ގޭންގްތައް އިންތިހާ އަށް އޮތް އިކްއެޑޯ އަކީ އަމާން ސުލްހަވެރި ގައުމަކަށް ހެދުމަށްޓަކައި އެމެރިކާގެ އަސްކަރީ އެހީތެރިކަން މުހިއްމުވާ ކަމަށް އެތައް ޕްލެޓްފޯމެއްގައި ރައީސް ވިދާޅުވެފައިވެ އެވެ.
ނަމަވެސް ރެފަރެންޑަމްގައި ރައްޔިތުން ނިންމި ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށް ނޮބޯއޯ ވަނީ ވިދާޅުވެފަ އެވެ.