މިދިޔަ ޖުލައި މަހުގެ ތެރޭގައި އއ. މާޅޮހުގައި ރަހުމް ކުޑަކޮށް މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގެ ތަހުގީގު ފުލުހުން ނިންމައި ދައުވާ ކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެ މައްސަލައިގައި ދައުވާ ކުރަނީ މާޅޮސް، ފިޔަ، އަހުމަދު އާޝިދު، 27، އާއި އެ ރަށު، ލިލީފެހި، މުހައްމަދު ވިޝާމް، 22، ގެ އިތުރުތުން އެ ރަށު ފިނިވާގޭ، އަހުމަދު ފާރިސް، 27، ގެ މައްޗަށެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން މަރާލީ އޭނަ ނިދާފައި އޮއްވައި ބޮލުގައި އެއްޗަކުން ޖަހައި ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރެ އެވެ. އޭނަ މަރާލާފައި އޮއްވައި ފެނުނީ އެރޭ ދަންވަރު 1:15 އެހާކަންހާއިރު އެވެ.
އަބްދުއްރަހްމާންގެ މަރާ ގުޅިގެން ހަށިގަނޑު އިންޑިއާ އަށް ގެންގޮސް ޕޯސްޓްމޯޓަމް ވެސް ހަދާފައިވެ އެވެ. އަދި ހަށިގަނޑު ވަޅުލީ ޖުލައި 24 ގަ އެވެ.