ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ކަމަށް ބުނާ ނޫސް މަޖައްލާތަކުގެ ދަފުތަރެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން އާންމުކޮށްފި އެވެ.
އެ ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނީ ކޮމިޝަންގެ ގާނޫނުގެ ގެ 45 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރެއް އެކުލަވާލައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންވެ މިހާރު އާންމުކުރި ދަފުތަރުގައި 333 ނޫސް މަޖައްލާއެއްގެ ނަން ހިމަނާފައިވެ އެވެ. މި ލިސްޓަށް ބަލާ އިރު މީގެ ތެރޭގައި އެއްގޮތަކަށް ވެސް ނުހިންގާ އަދި މިހާރު ވުޖޫދުގައި ނެތް ނޫސް މަޖައްލާތައް ވެސް ހިމެނެ އެވެ.
އެމްއެމްބީސީން ބުނީ އާންމުކުރި ދަފްތަރުގައި ނޫސް މަޖައްލާއެއް ރަޖިސްޓަރީކުރެވިފައި ނެތް ނަމަ، ދަފްތަރު ޝާއިޢުކުރާތާ 7 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ލިޔުމުން ޝަކުވާ ހުށަހަޅަން އެދޭ ކަމަށެވެ. އީމެއިލުން ނަމަ ށް ޝަކުވާ ހުށަހަޅާނީ މި މެއިލަށެވެ.
މިކަމާ ބެހޭ އިތުރު މަޢުލޫމާތު 3003995 އިން ސާފު ކުރެވޭނެ އެވެ.
އެމްއެމްބީސީ އަކީ މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް މި ސަރުކާރުން އުފެއްދި އާ ކޮމިޝަނެކެވެ. ކޮމިޝަންގައި 7 މެންބަރުން ތިއްބަވަ އެވެ. އެއީ މުހައްމަދު ފަރުސަތާއި ސަފާ ޝަފީގާއި އައިމިނަތު ސަރާހަތު އިއްޒަތާއިއަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދާއި ސިމާހާ ނަސީމްގެ އިތުރުން ހުސައިން ސަގީފެވެ.
ކޮމިޝަންގެ ރައީސަކީ ފަރުސަތެވެ. އަދި ނައިބަކީ ޒަމްއަތެވެ.
މި ސަރުކާރުން އާ މީޑިއާ ކޮމިޝަނެއް އުފައްދާފައިވާ އިރު، ދައުލަތުން މީޑިއާތަކަށް މާލީ އެހީ ދޭން ނިންމައި، އެހީ އަށް ހުޅުވައިލުމުން ޝަރުތު ހަމަވި މީޑިއާތަކުގެ ލިސްޓެއް މިދިޔަ މަހުގެ ތެރޭގައި އިންފޮމޭޝަން މިނިސްޓްރީން އާންމުކުރި އެވެ. އެ ލިސްޓްގައި އޮތީ 18 މީޑިއާއެކެކެވެ. އެ މީޑިއާތަކަށް 28 މިލިއަން ރުފިޔާ ދޭން ކަނޑައެޅި އެވެ.
ނަމަވެސް އެހީ ދޭން ނިންމި ގޮތާ މެދު އަމާޒުވި ފާޑުކިޔުންތަކާ އެކު އެ ލިސްޓް ބާތިލުކޮށް، އެހީގެ ކަންކަން އެމްއެމްބީސީއާ ވަނީ ހަވާލުކޮށްފަ އެވެ.