އައްޑޫ މޭޔަރު އަލީ ނިޒާރު ދެވަނަ ދައުރަކަށް ވާދަ ކުރައްވަން ނިންމަވައިފި އެވެ.
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރަން ޝައުގުވެރިވާ މީހުން ބެލުމަށް ހުޅުުވައިލައި މުއްދަތު ހަމަވި އިރު، މޭޔަރުގެ މަގާމަށް ވާދަކުރައްވަން ހުށަހެޅުއްވީ ނިޒާރު އެކަންޏެވެ. އެކަމަށް ހުޅުވާލީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އަށް އެމްޑީޕީން އަދި އިއުލާނެއް ނުކުރެ އެވެ. ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މާޗް 28 ގަ އެވެ.
ނިޒާރު މޭޔަރުގެ މަގާމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ އިރު، އޭނަ އަކީ އައްޑޫގެ ދެވަނަ މޭޔަރެވެ. ނިޒާރު މޭޔަރު ކަމަށް އިންތިހާބުވީ 2020 ގަ އެވެ. އައްޑޫގެ ފުރަތަމަ މޭޔަރަކީ ތިން ދައުރަކަށް އެ މަގާމު ފުރުއްވި އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އަދި ހަތަރު ވަނަ ދައުރެއް ހޯއްދެވުމަށްޓަކައި 2020 ގެ އެމްޑީޕީ ޕްރައިމަރީގައި ވެސް ވާދަކުރެއްވި އެވެ.
ނިޒާރަކީ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އެގޮތުން އޭނަ 18 ވަނަ މަޖިލީހުގައި ތަމްސީލު ކުރެއްވީ ހިތަދޫ ދެކުނު ދާއިރާ އެވެ.
އައްޑޫ މޭޔަރުގެ މަގާމު ރައްޔިތުން ވޯޓްލައިގެން ހޮވަން ފެށީ 2020 ގެ ކައުންސިލް އިންތިހާބުގަ އެވެ. އޭގެ ކުރިން މޭޔަރު ކަނޑައަޅަނީ ސިޓީ ކައުންސިލްގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.