ތަންފީޒީ އިދާރާތަކަށް ހާއްސަކޮށްގެން އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް އާއު އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމެއް ފަށައިފި އެވެ.
މި މަހުގެ 20 ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ އިންޑިއާގެ ރަޝްޓްރީޔާ ރަކްޝާ ޔުނިވަސިޓީ (އާރްއާރްޔޫ) އާއި ފުުހުންގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓު ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ގާނޫނު ތަންފީޒުކުރާ އަދި ސައިބަ މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކުގެ ތަހުގީގީ އަދި ތަހުލީލީ ގާބިލިއްޔަތުކަން އިތުރުކޮށް ހަރުދަނާ ކުރުމަށެވެ. އާރްއާރްޔޫގެ ތަޖުރިބާކާރު މުދައްރިސުން ކުރިއަށް ގެންދާ ޕްރޮގްރާމްގައި، ސައިބަ ހާދިސާތަކާއި ޑިޖިޓަލް ހެކި ގެންގުޅުމަށް އެންމެ ފަހުގެ ވަސީލަތްތަކާއި، މެތަޑޮލޮޖީތަކާއި، އޮނިގަނޑުތައް ދަސްކޮށްދެވޭނެއެވެ. އަދި މި ދާއިރާގެ ކޭސް ސްޓަޑީތަކާއި، ތަމްރީނުތަކަށް އަމާޒުކޮށް ސައިބަ ކުށްތަކުގެ ތަހުގީގުތަކުގައި އަމަލު ކުރާނެ ގޮތްތައް ދަސްކޮށް ދޭނެ އެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް އެކަށީގެންވާ ޑިޖިޓަލް ތަހުގީގުތަކަށް މައިގަނޑު މެތަޑޮލޮޖީ ދެނެގަނެ ތަންފީޒުކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ. އަދި ކޯޓުގައި ހެކީގެ އިންޓެގްރިޓީ އާއި ގަބޫލުކުރެވޭ މިންވަރު ޔަގީންކުރުމަށް ހެކި ބެލެހެއްޓުމާއި ހޯދުމުގައި އެންމެ ރަނގަޅު އުސޫލުތައް ދަސްވެގެންދާނެ އެވެ.
ޕްރޮގްރާމްގައި ފުލުހުންނާއި، ކަސްޓަމް ސާވިސް އާއި އިމިގްރޭޝަނާއި އެމްއެންޑީއެފާއި، މޯލްޑިވްސް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިތުރުން ނެޝަނަލް ސައިބަ ސެކިއުރިޓީ އެޖެންސީން ބައިވެރިިވެ އެވެ.