Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ފެނުގެ ކްރޮސް ކަނެކްޝަން ރަނގަޅު ކުރަން އަންގައިފި

ފުވައްމުލަކަށް ދިމާވެފައިވާ ފެނުގެ މައްސަލައާ ގުޅިގެން، އެ ސިޓީގެ ގިނަ ގޭބިސީތަކުގައި ޤާނޫނާ ޚިލާފަށް ހަދާފައިވާ ކްރޮސް ކަނެކްޝަންތައް ވީ އެންމެ އަވަހަށް އިޞްލާޙުކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އަންގައިފި އެވެ.

ކައުންސިލުން މިއަދު އެގޮތަށް އެންގފީ ފެނުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަނުން ކުރިއަށް ގެންދިޔަ ސާވޭއެއްގެ ނަތީޖާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ ހިއްސާކުރުމަށް ފަހު އެވެ.

ސާވޭއިން ވަނީ ފުވައްމުލަކުގެ ގިނަ އަދަދެއްގެ ގޭބިސީތަކުގައި ޤާނޫނާ ޚިލާފަށް ދެ ފެން އެއްވާ ގޮތަށް ކްރޮސް ކަނެކްޝަންތައް ހުރިކަން ފާހަގަކޮށްފަ އެވެ. އަދި މި ކަނެކްޝަންތަކަކީ ފެނުގެ ޚިދުމަތުގެ ފެންވަރަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމެއްކަން ކައުންސިލުން ބުނެފައިވެ އެވެ.
ކައުންސިލުން ބުނި ގޮތުގައި، މިފަދަ ކަނެކްޝަންތައް ހެދުމަކީ ފެނާއި ނަރުދަމާގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ ދަށުން ވެސް މަނާ ކަމެކެވެ.

އެހެންވެ އެއްވެސް ގޭބިސީއެއްގައި ފެނުގެ ކްރޮސް ކަނެކްޝަން ހަދާފައިވާ ނަމަ، ވީ އެންމެ އަވަސް ފުރުޞަތެއްގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަން އިޞްލާޙު ކުރަން އެދިފައިވެ އެވެ.

ފުވައްމުލަކުގެ ސަޕްލައި ފެން ތައައްޔަރުވުމުގެ މައްސަލަ މި ފަހުން ދިމާވެ، ފެނުގެ ހިދުމަތް މެދުކަނޑާލަން ވެސް ޖެހުނެވެ. ނަމަވެސް މިހާރު އެ ސިޓީ އަށް ދޫކުރަމުން އަންނަނީ ރައްކާތެރި ފެން ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ.