Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ހުުޅުމާލޭގެ ވަގްފް އިމާރާތް ހަދަން ވެސް އާރްސީސީ އަށް

ހުޅުމާލޭގައި ހަދަން ނިންމާފައިވާ ވަގްފް އިމާރާތް "ދާރުއްސަލާމް" ވެސް ހަދަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، (އާރްސީސީ) އާ ހަވާލުކޮށްފި އެވެ.

އެކަމުގެ އެެއްބަސްވުމުގައި ސޮއި ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. އާރްސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަޚީމެވެ.

ބާރަ ބުރިއަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 'ދާރުއްސަލާމް' އަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމް ކުރެވޭ ޢިމާރާތެކެވެ. ޢިމާރާތުގެ ބޭސްމަންޓުގައި ޚާއްސަ ޕާކިންގސަރަހައްދެއް ހެދުމަށް ހަމަޖެހިފައިވާއިރު ​ގްރައުންޑް ފްލޯގައި ރިސެޕްޝަން ސަރަހައްދާއި އިތުރު ޕާކިން ވަސީލަތްތައް ހުންނާނެވެ. އަދި ފުރަތަމަ ފަންގިފިލާ ވިޔަފާރި ބޭނުންތަކަށް ދޫކުރާ ގޮތަށް ހަމަޖެހިފައިވާ އިރު 3-12 ވަނަ ފަންގިފިލަ އަށް ޒަމާނީ އޮފީސްތަކާއި ނަމާދު ކޮޓަރިތަކުގެ އިތުރުން މީޓީން ރޫމް ޤާއިމް ކުރެވޭނެއެވެ.

ޢިމާރާތުގެ ​ދެވަނަ އަދި 11 ވަނަ ފަންގިފިލާގައި ގިނަ ބޭނުންތަކަށް ބޭނުން ކުރެވޭ ޒަމާނީ ހޯލު ހެދުމަށް ހަމަޖެހިފައިވާ އިރު (މަލްޓި-ޕާޕަސް ހޯލް) ​ފުރާޅު ނުވަތަ ރޫފްޓޮޕަކީ ހުޅުވާލެވިފައިވާ ޓެރަސްއެކެވެ.

އަދި މި އިމާރާތުގައި ޑޭ ކެއާ ސެންޓަރެއް ވެސް ހަދާނެ އެވެ.

ދެ އަހަރުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 24.5 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢު ނިންމުމަށްފަހު ފަސް އަހަރު ދުވަހަށް ޢިމާރާތުގެ މެއިންޓެނަންސް މަސައްކަތް ވެސް އާރްސީސީން ކުރާނެ އެވެ.

އިސްލާމިކް މިނިސްތްރީން ބުނީ ހުޅުމާލޭގެ ވަގްފް އިމާރާތަކީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފައިނޭންސް ކުރާ މަޝްރޫއެއް ކަމަށެވެ.

މި އިމާރާތުން އަހަރަކު 52 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ ރު އާމްދަނީގެ 20 ޕަސެންޓް ޒަކާތު ހައުސްއަށް ޖަމާކުރާނެ އެވެެ. އަދި އާމްދަނީގެ 80 ޕަސެންޓް އިސްލާމިކް ވަޤްފު ފަންޑަށް ޖަމާކުރާނެ އެވެ.

ހުޅުމާލޭގެ ވަގްފް އިމާރާތް އާރްސީސީއާ ހަވާލުކުރި އިރު މާލޭގައި ޢިމާރާތް ކުރާ ދާރުލްއަރްޤަމް ވަޤްފު ޢިމާރާތް ވެސް ހަވާލުކޮށްފައި ވަނީ އެ ކުންފުންޏާ އެވެ. އެކަމުގެ އެެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ 26 ގަ އެވެެ.

ދާރުލްއަރްޤަމް އަކީ މާލޭގައި ހަދާ ދެވަނަ ވަގްފް އިމާރާތެވެ.