ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ އިސްލާމީ މަރުކަޒު މި މަހުގެ 28 ގައި ހުޅުވަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އެކަމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ.
ދިއްދޫ އިސްލާމީ މަރުކަޒަށް ނަން ދީފައި ވަނީ ނޮވެންބަރު 3، 1988 ގައި ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގައި ޝަހީދުވި އޭރު މާލެ އިސްލާމީ މަރުމަޒުގެ މުވައްޒަފެއްގެ ގޮތުގައި ހުންނެވި ޝަހީދު ޢުމަރު އަޙްމަދުގެ ނަމަށް ނިސްބަތްކޮށެވެ. އޭނަ އަކީ ދިއްދު އަށް ނިސްބަތްވާ ބޭފުޅެކެވެ.
ޝަހީމު ވިދާޅުވީ ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވާ ދުވަހު އެތަނުގެ އިސްލާމީ ލައިބްރަރީއާއި ޤުރުއާން މަރުކަޒުގެ އައުޓްރީޗް ސެންޓަރުގެ ހިދުމަތް ވެސް ފެށޭނެ ކަމަށެވެ.
ދިއްދޫ އިސްލާމީ މަރުކަޒު ހެދީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން އާރްސީސީ) ހަވާލުކޮށްގެންނެވެ. ޖުމްލަ 50 މިލިއަން ރުފިޔާގެ މި މަޝްރޫއު އަކީ 1،500 މީހުންނަށް ނަމާދު ކުރެވޭ ޖާގައާއެކު ބިނާކޮށްފައިވާ އިސްލާމީ މަރުކަޒެކެވެ. އެތަނުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ ހަތަރު ކްލާސްރޫމެއް ހުންނާނެ އެވެ. އަދި ދެ ސެމިނާ ރޫމާއި އޮފީސް ޖާގައެއް ވެސް ހިމެނެއެވެ.
ދިއްދީ އިސްލާމީ މަރުކަޒު ހަދާފައި ވަނީ އެ ރަށުގައި އާބާދުވަމުން ހިއްކި ބިން ސަރަޙައްދުގަ އެވެ.