ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ގުޅިގެން އޭނަގެ އަމުރަށް މުޒާހަރާކުރި މީހުންނާ މެދު ހިންގި ލާއިންސާނީ ޖަރީމާތަކުގެ ކުށް ސާބިތުވެ މިއަދު ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި އެވެ.
އޭނަގެ ޢައިރު ހާޒިރުގައި އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) ކޯޓުން އެ ހުކުމް އިއްވި އިތު، މިދިޔަ އޮގަސްޓް މަހުގެ 5 ގައި އިސްތިއުފާ ދެއްވައި ފިއްލަވައިގެން ވަޑައިގެންނެވި ގޮތަށް ހަސީނާ ހުންނެވީ އަވައްޓެރި އިންޑިއާގެ ހިމާޔަތުގައި އެ ގައުމުގަ އެވެ.
ހަސީނާގެ ސަރުކާރާ ދެކޮޅަށް ބަންގްލަދޭޝް ޔުނިވަސިޓީތަކުގެ ދަރިވަރުންތަކެއް އިސްކޮށް ތިބެގެން ކުރިއަށް ގެންދިޔަ ވަރުގަދަ މުޒާހަރާތަކުގައި 1،400 އެއްހާ މީހުން މަރުވެފައިވެ އެވެ. މުޒާހަރާތަކުގައި ގިނަ ބަޔަކު މަރުވީ ހަސީނާގެ އޯޑަރަށް މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް ސަލާމަތީ ބާރުތައް ނެރެ، ހިނގި ކުރިމަތިލުންތަކުގެ ތެރޭގަ އެވެ. އެ ކުރިމަތިލުންތަކުގައި ފުލުހުން އާންމުންގެ ގަޔަށް ބަޑި ވެސް ޖަހާފައިވެ އެވެ.
އެހެންވެ ހަސީނާގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި ޢާންމު ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ކުށްތައް ހިންގެވުން ހިމެނެ އެވެ.
ހަސީނާގެ އިތުރުން ބަންގުލަދޭޝްގެ ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާންގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނަގެ މައްޗަށް ވެސް މަރުގެ ހުުކުމް އިއްވާފައިވެ އެވެ.