ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ ގޫގުލްއިން ދިވެހިރާއްޖޭގައި އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަންއެއް ޤާއިމުކުރުމަށް ނިންމައިފި އެވެ.
ގޫގުލްއިން މި ބޮޑު އިންވެސްޓްމަންޓް ކުރަނީ އައްޑޫ ސިޓީގެ ހިތަދޫގައި އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިންގ ސްޓޭޝަންއަކާއި ނެޓްވަރކް ފެސިލިޓީއެއް ޤާއިމުކުރުމަށެވެ.
މި މަޝްރޫޢުއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމެރިކާގެ ނިއުޔޯކް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ގޫގުލްގެ އެގްޒެކެޓިވްސްއާ ބޭއްވުނު މަޝްވަރާތަކަށްފަހު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ މަޝްރޫޢެކެވެ.
މި ފެސިލިޓީއާއެކު ރާއްޖެ ވެގެންދާނީ އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި އަދި ޔޫރަޕު ހިމެނޭގޮތަށް އިތުބާރުހުރި ޑިޖިޓަލް ގޭޓްވޭއެއްގެ ގޮތުގައެވެ. މިއީ އިންޑިއާ ކަނޑުގައި ޤާއިމުވެގެންދާ ވިލިޒަށް ކަނެކްޓިވިޓީ ކޮރިޑޯގައި ދިވެހިރާއްޖެ މައި ހަބެއްގެ ގޮތުގައި ޤާއިމްވުމަށް ލިބިގެންދާ ފުރުޞަތެކެވެ.
މާލެއާއި ހުޅުމާލޭގައި މިހާރު ޤާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓްތަކުގެ އިތުރުން އައްޑޫ ސިޓީގައި މި ޕޮއިންޓް ޤާއިމުކުރެވުމުން، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިވެ، ސަރަހައްދީ މުވާޞަލާތީ މައި މަރުކަޒެއްގެ ގޮތުގައި ރާއްޖެއަށް ކުރިއެރުން ލިބިގެންދާނެއެވެ.
މި އިންވެސްޓްމަންޓަކީ ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ. އަދި ކްލައުޑް ސަރވިސަސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް، އަދި ޓެކްނޮލޮޖީ ސްޓާރޓް-އަޕްސް ފަދަ ދާއިރާތައް ދިވެހިރާއްޖޭގައި އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު ދައްކުވައިދެއެވެ.
ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ އިޤްތިޞާދީ ސިންދަފާތުކޮށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި މި މަޝްރޫޢު މުހިންމު ދައުރެއް އަދާކުރާނެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިހާރު ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ ތަޖުރިބާކާރު ދެ ކުންފުނިކަމަށްވާ ދިރާގާއި އުރީދޫ މޯލްޑިވްސްގެ ބައިވެރިވުމާއެކުގައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމީ ތަރައްޤީގެ އެޖެންޑާއާ އެއްގޮތްވާ ގޮތުގެމަތިން، މި އިންވެސްޓްމަންޓަކީ ޑިޖިޓަލް އިންޤިލާބީ ބަދަލުތައް ގެނުވައި، ޢުމްރާނީ ތަރައްޤީއަށް މަގުފަހިވެގެންދާނެ އިންވެސްޓްމަންޓެކެވެ.