Last Updated: July 6, 08:20
Monday, July 6, 2026
ޚަބަރު

ރާއްޖޭގައި ގޭންގެއްގެ ޝަރުތު ހަމަވާ ބަޔަކު މިހާރު ނެތް

ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކޯޓަށް ގޮސް ގޭންގުގެ ގޮތުގައި ކަނޑައަޅާނެ ބަޔަކު މިހާރު ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ "ހަފުތާ 104" ފާހަގަކުރުމަށް ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގޭންގުތަކުން ކުށްކުރުމުގެ ޒަމާންވީ މައްސަލައަށް ހައްލު ހޯދުމަށް ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނަށް މި ސަރުކާރުން ގެނައި ވަރުގަދަ އިސްލާހުތަކުގެ ހެޔޮ ނަތީޖާ މިހާރު ވެސް ފެންނަމުންދާ ކަމަށެވެ.

"ހޯމް މިނިސްޓަރު ވަރަށް އުފާވެފައި ވިދާޅުވީ މިހާރު ނެތޭ، ތިމަންނަމެން ޕީޖީއަށް ފޮނުވައިގެން، ޕީޖީ ވިދާޅުވެއްޖެއޭ ނެތޭ އަދި ތި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް މިހާރު، ކުރީގައި މި ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި. ގޭންގް ކުށް ހުއްޓާލައިފި، މިހާރު އެ ބޭފުޅުން އެ ކުދިން ޒުވާނުން މިހާރު ވިޔަފާރި ކުރުމާއި އަބުރުވެރި ދިރިއުޅެއް އުޅެވޭތޯ ނޯމަލް ލައިފްއަކަށް ގޮސްފި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގޭންގް ކުށްތައް ކަމަށް ކިޔާ ކުށްތަކުގައި އުޅޭ މީހުން ވަރަށް މަދުވެއްޖެ ކަމަށާއި ގޭންގް ކަމުގައި ކަނޑައަޅާނެ ފަރާތްތައް ނުފެނިގެން އުޅޭ ކަމަށް ހޯމް މިނިސްޓްރީން އެމަނިކުފާނަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. ގޭންގު ކުށްތައް ހުއްޓުވުމަށް ހަރުކަށި އަދަބު ދެވޭ ގޮތަށް ގާނޫނެއް ވުޖޫދުކުރީ، އެއްވެސް ހާލަތެއްގައި އަދަބު ދިނުމުގެ ބޭނުމުގައި ނޫން ކަމަށާއި ސަރުކާރުގެ އަމާޒަކަށްވީ، ކުށްތަކަށް އަރައިގަތުން ހުއްޓާލައި، އާދައިގެ ދިރިއުޅުމެއް ހިޔާރުކުރަން އެފަދަ ޒުވާނުންނަށް ބާރު އެޅުން ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ގޭންގުތަކުގައި މިވަގުތު ތިބި ޒުވާނުން ވެސް، އެކަން ދޫކޮށްލައި، މި ސަރުކާރުން ފަހިކޮށްދީފައިވާ ވަޒީފާ އާއި ތައުލީމުގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައީސް ގޮވާލެއްވި އެވެ.