Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ތަރައްގީގެ 1،875 މަޝްރޫއު ހިނގަމުން އެބަދޭ: ރައީސް

ދައުލަތުގެ ހުރިހާ ވުޒާރާތަކެއް ހިމެނޭހެން ތަރައްގީގެ 1،875 މަޝްރޫއު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މިހެން ވިދާޅުވެފައި މިވަނީ މިސަރުކާރަށް ދެ އަހަރުވީއިރު ތަރައްގީއާ ގުޅޭ އެއްވެސް ކަމެއް ކުރެވިފައި ނެތް ކަމަަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ވަގުތެއްގައެވެ.

ރައީސްގެ ވާހަކަފުޅުގައި 1،875 މަޝްރޫއަށް އަލިއަޅުއްވާލައްވައި ވިދާޅުވީ އުމްރާނީ ތަރައްގީއަކީ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ދާއިރާ ކަމަށެވެ. މީގެ ތެރޭގައި ހިނގަމުންދާ މަޝްރޫއުތަކާއި އަލަށް ސޮއިކުރެވޭ މަޝްރޫއިތައް ހިމެނޭ ކަމަށާއި އަލަށް ސޮއިކުރެވޭ މަޝްރޫއެއްނަމަ، ތިން މަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މީގެތެރޭގައި ޕްރައިވެޓް ސެކްޓާ ޕާޓްނަޝިޕްގެ ދަށުން މިމަހުގެ ތެރޭގައި ސޮއިކުރެވުނު 236 މަޝްރޫއުވެސް ހިމެނެ. މި ހުރިހާ އުމްރާނީ ތަރައްގީގެ މަޝްރޫއެއް ހިންގާ، ތަންފީޒުވެ ނިމޭއިރު، ރައްޔިތުންނަށް އޭގެ ފައިދާ ފެނިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގޭނީ ތިމާވެށި ހިމާޔަތްކޮށްގެން ކަމަށެވެ. އެގޮތުން، ކޮންމެ މަޝްރޫއަކީ ފުރިހަމަ ކުރަންޖެހޭ އީއައިއޭ ރިޕޯޓްތައް ފުރިހަމަކޮށް، އެއަށް އަމަލުކުރެވޭ މަޝްރޫއަކަށް ވެގެންދާނޭ ކަމުގައިވެސް ވިދާޅުވި އެވެ. އެ މަނިކުފާނުގެ ވައުދުފުޅެއްގެ ގޮތުން ފެށިގެންދިޔަ ފަސްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މިހާތަނަށް 8 ލައްކައަށް ވުރެ ގިނަ ގަސް އިންދާފައިވާ ކަމަށެވެ. ގަސް އިންދުމަށް ކަނޑައަޅާފައިވާ އަދަދަށް ބަލާނަމަ، މި ޕްރޮގްރާމު ނިމޭއިރު ހަ މިލިއަނަށް ވުރެ ގިނަ ގަސް އިންދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ތެލަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމުގެ ގޮތުން، އިޔާދަކުރުވަނިވި ހަކަތައިގެ މަޝްރޫއުތަކަށް ގައުމީ ތަރައްގީގައި އިސްކަންދޭނެ ކަމަށެވެ. އެގޮތުން މިހާތަނަށް ސޯލާ ހަކަތަ އުފެއްދޭ މިންވަރު ދެގުނަ އިތުރުކުރެވި 100 މެގަވޮޓްގެ ބޮޑު މަޝްރޫއެއް ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ސޯލާގެ އިތުރު 78 މަޝްރޫއެއްގައި ސޮއި ކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތަކަމުގައި ހެއްދެވުމަށް ވައުދުވީ ގޮތަށް އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް ވިދާޅުވި އެވެ.

ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން މާޗް މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި އާރްޓީއެލްގެ ހިދުމަތް ގާއިމުކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ. ފަސޭހަ، ނަތީޖާ ފެންނަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށްވާތީ މާލޭގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް އަންނަ ފެބްރުއަރީގައި ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި މި މަޝްރޫއުގެ ސަބަބުން، ޓެކްސީ ޑްރައިވަރުން ބާކީވެގެން ނުދާނޭ ކަމަށާއި، ޑްރައިވަރުންނަށް ފިކްސްޑް އިންކަމެއް ލިބި، ރައްޔިތުންނަށް މެދުނުކެނޑި ޓެކްސީގެ ހިދުމަތް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.