ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު ފިލްމު "ނީރްޖާ" ގެ ޑައިރެކްޓަރު ރާމް މަދްވާނީގެ ފިލްމަކަށް އެކްޓަރު ޓައިގާ ޝްރޮފް ސޮއިކޮށްފި އެވެ.
މީޑިއާތަކުން ބުނީ މި ފިލްމަކީ މަހާވީރު ޖެއިން ޕްރޮޑިއުސް ކުރަން ހަމަޖެހިފައިވާ ވަރަށް ވަރުގަދަ ސްޕިރިޗްއަލް އެކްޝަން ތުރިލާއެއް ކަމަށެވެ. އަދި މި ފިލްމު ވާނީ މަދްވާނީގެ ވަރަށް ވެސް ތަފާތު ފިލްމެއްގެ އިތުރުން ހިންދީ ސިނަމާ އަށް ވެސް އާ ކުލަވަރުތަކެއް ގެނެސްދޭނެ ފިލްމަކަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަންނަ އަހަރުގެ މެދު ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. އެކަމަކު މީގެ މަންޒަރުތަކެއް ޖަޕާންގައި ވެސް ޝޫޓް ކުރާނެ ކަމަށާއި ޓައިގާއާ އެކު ފިލްމުގައި ބަތަލާގެ ރޯލު ކުޅޭނެ ތަރިއަކު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ މީޑިއާތަކުން ބުންޏެވެ.
ޓައިގާއާ އެކު މަދްވާނީ ހަދާ މި ފިލްމު ވާނީ އޭނަ ޑައިރެކްޓްކުރާ ހަތަރު ވަނަ ފީޗާ ފިލްމަށެވެ. ކުޅަދާނަ ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ ކާތިކް އާރިއަންގެ 2021 ގެ ތުރިލާ "ދަމާކާ" އެވެ.
ތިން ސީޒަނަކަށް ގެނެސްދިން ސުޝްމިތާ ސެންގެ ވެބް ސީރީޒް "އަރިއާ" އަކީ ވެސް މަދުވާނީގެ ޑައިރެކްޝަނެކެވެ. އޭނަގެ އެންމެ ފަހުގެ މަސައްކަތަކީ ސޮނީ ލިވް އިން މި އަހަރުގެ މާޗްގައި ސްޓްރީމްކުރި ސީރީޒް "ދަ ވޭކިން އޮފް އަ ނޭޝަން" އެވެ.
ޓައިގާގެ އެންމެ ފަހުގެ ފިލްމަކީ ސެޕްޓެމްބަރުގައި ރިލީޒްކުރި "ބާގީ 4" އެވެ.