މާލޭގައި އަންހެނަކަށް ޖިންސީ އަނިޔާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އިއްޔެ ހަވީރުގެ ވަގުތެއްގައި މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވިގެން ހަމަ އެ ދުވަހުގެރޭ ފުލުހުންނަށް މައުލޫމާތު ދިން ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާ ލިބިފައިވަނީ 24 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށާއި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި އަނިޔާ ލިބިފައިވާ ފަރާތަށް ބޭނުންވާ ސިއްހީ ފަރުވާއާއި ސައިކޯސޯޝަލް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.