Last Updated: July 6, 09:58
Monday, July 6, 2026
ޚަބަރު

ބަޔަކަށް ނިދި ނަޔަސް، މަޝްރޫއުތައް ހަވާލުކުރީ ބަރާބަރަށް

ސަރުކާރުން އަމިއްލަ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރީ ބަރާބަރަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ތަރައްގީގެ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރީ މި މަހުގެ ހަވަނަ ދުވަހު އެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަމިއްލަ ފަރާތްތަކާ ހަވާލުކުރި މަޝްރޫއުތަކާ ގުޅިގެން ބަޔަކު ނިދި ނައިސްގެން އުޅޭ ކަމަށާއި ނަމަވެސް މަޝްރޫއުތައް ހަވާލުކުރުމުގައި އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު ކުރާނެ ކަމެއް ނޫން އެ ބޭފުޅުން ނިދި ނައުމަކީ. ގާނޫނާއި ގަވާއިދާ ހިލާފަށް މިސަރުކާރުން ނުކުރާނެ އެއްވެސް ކަމެއް. ބަރާބަރަށް އެކަން ކޮށްފައި އެއޮތީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ބެލުމަށް އެދޭ ކަމަށާއި އެ މަސައްކަތްތައް ހަވާލު ކުރުމުގައި އެއްވެސް މައްސަލައެއް ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް މިހެން ވިދާޅުވި އިރު ސަރުކާރުން އަމިއްލަ ފަރާތްތަކާ ހަވާލުކުރި ޕްރޮޖެކްޓުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް އަމުރުކޮށްދިނުމަށް އެމްޑީޕީން ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު އައްބާސްގެ އަރިހުން ވަނީ އެދިފަ އެވެ.