Last Updated: July 6, 09:58
Monday, July 6, 2026
ޚަބަރު

ރައީސް ހުންނެވީ ދޮގުން ނެގޭ އެންމެ މަތީ ފާސް ނަގައިގެން

އުމަރު ނަސީރު

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ދޮގުން ނެގޭ އެންމެ މަތީ ފާސް ނަންގަވައިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކޯޓަށް ގޮސް ގޭންގުގެ ގޮތުގައި ކަނޑައަޅާނެ ބަޔަކު މިހާރު ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ ރައީސް މުއިއްޒު ހުންނެވީ ދޮގުން ނެގޭ އެންމެ މަތީ ފާސް ނަންގަވައިގެން ކަމަށާއި އެމަނިކުފާނުގެ އަތުގައި އޮތީ ދޮގުގެ ޕީއެޗްޑީ އެއް ކަމަށެވެ.

"ގޭންގެއް ނެތް، އިންޑިއާ ސިފައިންނެއް ނެތް: ދޮގުން ނެގޭ އެންމެ މަތީ ފާސް ނަންގަވާފަ. ދޮގުގެ ޕީއެޗްޑީ އެއް،" އުމަރު ވިދާޅުވި އެވެ.

މި ސަރުކާރުގެ "ހަފުތާ 104" ފާހަގަކުރުމަށް ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގޭންގުތަކުން ކުށްކުރުމުގެ ޒަމާންވީ މައްސަލައަށް ހައްލު ހޯދުމަށް ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނަށް މި ސަރުކާރުން ގެނައި ވަރުގަދަ އިސްލާހުތަކުގެ ހެޔޮ ނަތީޖާ މިހާރު ވެސް ފެންނަމުންދާ ކަމަށެވެ.

"ހޯމް މިނިސްޓަރު ވަރަށް އުފާވެފައި ވިދާޅުވީ މިހާރު ނެތޭ، ތިމަންނަމެން ޕީޖީއަށް ފޮނުވައިގެން، ޕީޖީ ވިދާޅުވެއްޖެއޭ ނެތޭ އަދި ތި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް މިހާރު، ކުރީގައި މި ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި. ގޭންގް ކުށް ހުއްޓާލައިފި، މިހާރު އެ ބޭފުޅުން އެ ކުދިން ޒުވާނުން މިހާރު ވިޔަފާރި ކުރުމާއި އަބުރުވެރި ދިރިއުޅެއް އުޅެވޭތޯ ނޯމަލް ލައިފްއަކަށް ގޮސްފި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގޭންގް ކުށްތައް ކަމަށް ކިޔާ ކުށްތަކުގައި އުޅޭ މީހުން ވަރަށް މަދުވެއްޖެ ކަމަށާއި ގޭންގް ކަމުގައި ކަނޑައަޅާނެ ފަރާތްތައް ނުފެނިގެން އުޅޭ ކަމަށް ހޯމް މިނިސްޓްރީން އެމަނިކުފާނަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. ގޭންގު ކުށްތައް ހުއްޓުވުމަށް ހަރުކަށި އަދަބު ދެވޭ ގޮތަށް ގާނޫނެއް ވުޖޫދުކުރީ، އެއްވެސް ހާލަތެއްގައި އަދަބު ދިނުމުގެ ބޭނުމުގައި ނޫން ކަމަށާއި ސަރުކާރުގެ އަމާޒަކަށްވީ، ކުށްތަކަށް އަރައިގަތުން ހުއްޓާލައި، އާދައިގެ ދިރިއުޅުމެއް ހިޔާރުކުރަން އެފަދަ ޒުވާނުންނަށް ބާރު އެޅުން ކަމަށް ރައީސް ވިދާޅުވި އެވެ.