Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ކައުންސިލް އިންތިހާބަށް އޮފިޝަލުން ހޯދަނީ

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ހޯދަން އިއުލާންކޮށްފި އެވެ.

މި އިންތިހާބަށް 7،000 އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވެ އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން އޮފިޝަލުންނަށްވުމަސް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 21 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ޖެހެނީ އީސީގެ މައި ޕޯޓަލް https://my.elections.gov.mv/ މެދުވެރިކޮށެވެ.

އޮފިޝަލުންނަށް ވާން އެދި ހުށަހެޅޭނީ 18 އަހަރުވެފައިވާ އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާނުކުރާ މީހުންނަށެވެ.

އިންތިހާބުގައި ވޯޓުލާ މަރުކަޒުގެ ވެރިޔާ އަށް 2،900ރ. ގެ އުޖޫރައެއް ކަނޑައަޅާފައިވާއިރު ވެރިޔާގެ އެހީތެރިންނަށް 2،600ރ. ރުފިޔާ، އޮފިޝަލުންނަށް 2،300ރ. ރުފިޔާ، ގުނާ އޮފިޝަލުންނަށް 1،800ރ. އަދި ރިޒާވް އޮފިޝަލުންނަށް 1،000ރ. ގެ އުޖޫރައެއް ލިބޭނެ އެވެ.

މީގެ އިތުރުން މަސައްކަތްކުރާ ގަޑިތަކަށް ބަލައި ކެއުމާއި ސައިގެ އެލަވަންސާއި އިތުރުގަޑީގައި ފައިސާ ވެސް ލިބޭނެ އެވެ.

އީސީން ބުނީ އޮފިޝަލުން ތަމްރީން ކުރުމަށް ބާއްވާ ޕްރޮގްރާމް ޖެނުއަރީ 10-27 އަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ މާޗް 28 ގަ އެވެ. އިންތިހާބަށް ކުރިމަތިލާން ހުޅުވައިލަން ނިންމާފައި ވަނީ ޖެނުއަރީ 17 ގަ އެވެ.