ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އިއްޔެ ދެ އަހަރު ފުރުނު މިހާތަނަށް ރައްޔިތުންނަށްޓަކައި ކޮށް ދެއްވުނު ކަމެއް ނެތް ކަމަށާއި ސަރުކާރުން ކުރިހާ ވެސް ކަމަކީ ވައްކަން ކުރުން ކަމަށް މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވަނީ ފެނާއި ނަރުދަމާ ފެށުނީ ކޮން ރަށެއްގައިތޯ އާއި ބަނދަރެއް ހަދައިދީ ނިމުނީ ކޮން ރަށެއްގައިތޯ އާއި ހޮސްޕިޓަލެއް ނުވަތަ ސިއްޖީ މަރުކަ×ެއް އެޅުވީ ކޮން ރަށެއްގައިތޯ ވެސް ސުވާލި ކުރައްވައިފަ އެވެ.
"ކޮން ސްކޫލެއް، ކޮލެޖެއްތޯ ފެށިގެން އެޅުނީ؟ ކޮން ރަށެއްގެ ޕޮލިސް ސްޓޭޝަނެއްތޯ ފެށިގެން އެޅުނީ؟ ކޮން ރަށެއްގެ ފުޓުބޯޅަ ދަޑެއް، ވޮލީކޯޓެއް، ފުޓްސަލް ދަނޑެއް، ރޮސްޓަމެއްތޯ ފެށިގެން ހެދުނީ؟،" އައްބާސް އައްސަވާފައިވެ އެވެ. "ކޮން ރަށެއްގެ ޔޫތު ސެންޓަރެއްތޯ ފެށިގެން އެޅުނީ؟ އެއްވެސް ބުރިޖެއް އަޅަން ފެށުނުތޯ؟ އަޅަން ފަށާފައި ހުރި ބުރިޖޭއް ނިންމުނުތޯ؟ އެއްވެސް ރަށެއްގައި ބޯހިޔާވަހިކަމެއް ފެށިގެން ކުރިއަށް ދޭތޯ؟ އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބުނުތޯ؟ކުރިން އަޅަންފަށަފައި ހުރި އެއްވެސް ފުލެޓެއް ނިންމާފައި ހަވާލު ކުރެވުނުތޯ؟ ބޭސްފަރުވާ އަށް ރައްޔިތުން ސަލާންޖެހުން ކުޑަކުރެވުނުތޯ؟"
އޭނަ ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގެ ދެ އަހަރުގެ ބަޖެޓުން 110 ބިލިއަން ރުފިޔާ ހުސްވީ ކޮންކަމެއް ކޮށްގެންތޯ ވެސް ސުވާލު ކުރައްވައޮފަ އެވެ.
"ކުރިހާ ވެސް ކަމަކީ މަޖުލީހުގެ ސުޕަރމެޖޯރިޓީ ބޭނުންކޮށްގެން ޤާނޫނު އަސާސީއަށް އެކި ކަހަލަ ބަދަލުތަށް ގެނެސް ޤާނޫނުތަކަށް ބަދަލު ގެނެސް ރައްޔިތުންގެ ޓެކުސް ފައިސާއިން ރޭވިގެން ބޮޑެތި އަދަދުން ވައްކަން ކުރުން." އައްބާސް ވިދާޅުވި އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރަން ރޭ ހާއްސަ ޖަލްސާއެއް ބާއްވާފައިވާ އިރު، ރައިސް ވަނީ ފާއިތުވި ދެ އަހަރަކީ ވަރަށް ކާމިޔާބު ދެ އަހަރު ކަމަށް ވިދާޅުވެފަ އެވެ.