Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

ތާރާގެ އުފަން ދުވަސް ފާހަގަ ކުރަން ރާއްޖޭގައި

ބޮލީވުޑްގެ ބަތަލާ ތާރާ ސުތާރިއާގެ 30 ވަނަ އުފަން ދުވަސް ފާހަގަ ކުރަން ރާއްޖެ އަތުވެއްޖެ އެވެ.

އެކަމަށް އޭނަ ދުރާލައި ރާއްޖެ އައި އިރު، އުފަން ދުވަހަކީ މާދަމާ އެވެ. އެހެންވެ މިރޭ 12:00 ގައި ތާރާގެ އުފަން ދުވަސް ކުލަގަދަކޮށް ފާހަގަ ކުރާނެ އެވެ. މި ދަތުރުގައި ތާރާ ހުރީ ޖޭ ޑަބްލިއު މެރިއޮޓް މޯލްޑިވްސްގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ތާރާގެ އުފަން ދުވަސް ރާއްޖޭގައި ފާހަގަ ކުރަން ކުރާ ދަތުރުގައި އޭނަގެ މިހާރުގެ ލޯބިވެރިޔާ އެކްޓަރު ވީރް ޕަހަރިއާ، 30، ވެސް ބައިވެރިވެ އެވެ.

އޭނަ އަކީ މި އަހަރުގެ ރިލީޒްކުރި އަކްޝޭ ކުމާރުގެ ފިލްމު "ސްކައި ފޯސް" އިން ތައާރަފުވި އެކްޓަރެކެވެ. ވީރް އަކީ ބަތަލާ ޖާންވީ ކަޕޫރްގެ ލޯބިވެރިޔާ ޝިކާރް ޕަހަރިއާގެ ކޮއްކޮ އެވެ.

އުފަން ދުވަސް ފާހަގަ ކުރަން ތާރާ ރާއްޖެ އައި އިރު، މިދިޔަ ސެޕްޓެމްބަރު މަހު ވެސް އޭނަ ރާއްޖޭގައި ޗުއްޓީ ހޭދަކުރި އެވެ. ދެހާސް ނަވާރައިގެ ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިން ތައާރަފުވި ބަތަލާ އެ ފަހަރު ހުރީ ޕަޓީނާ މޯލްޑިވްސްގަ އެވެ.

ތާރާ ކުރިން ރަންބީރް ކަޕޫރާއި ކަރީނާ ކަޕޫރްގެ ކަޒިންއެއް ކަމަށްވާ އެކްޓަރު އާދާރު ޖެއިންއާ ރައްޓެހިވެގެން އުޅުނު ދުވަސްވަރު ވެސް އެކި ފަހަރު މަތިން ރާއްޖެ އަށް ޗުއްޓީ އަށް އައިސްފައިވެ އެވެ.

ތާރާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ މާޗްގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ކަންނާޑާ އެކްޓަރު ޔާޝްގެ ޕީރިއަޑް ގޭންސްޓާ ފިލްމު "ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯން-އަޕްސް" އެވެ.